ރަށެއްގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިންޖީނެއް ގެންދިުމަކުން އަދި ނުފުދޭކަން ރައްޔިތުންނަށް ސާފުވެގެން ހިނގައްޖެ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
ޝާޑު މިހެން ވިދާޅުވެފައި ވަނީ، ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންދާ މައްސަލައިގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޝާޑު ވިދާޅުވީ، ފެނަކައިން ކޮމިޓީގައި ހިއްސާކުރި މައުލޫމާތުން އިންޖީނު ގެންގޮސްގެން އިންސްޓޯލްކުރުމަށް ވެސް ދުވަސްތަކެއް ބޭނުންވާކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.
" ރައްޔިތުންނަށް، މިއަދު އަޅުގަނޑަށް ޔަގީން މިކަން ހާމަވެގެން ނޫނީ ސާފުވެގެން ދާނެ އިންޖީނެއް އަދި ގެންދިއުމަކުން އަދި ނުފުދޭކަން." ޝާޑު ވިދާޅުވިއެވެ.
އެހެން ނަމަވެސް ޝާޑު ވިދާޅުވީ އައްޑޫ އަށް 2016 ވަނަ އަހަރުގެ ތެރޭގައި ގެންދިޔަ ދެ ޖަނެރޭޓަރެއް އިންސްޓޯލް ނުކުރެވި އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވުމަކީ އައްޑޫ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭތާ ދޮޅު އަހަރު ދުވަސް ވެފައިވާ ކަން ވެސް ޝާޑު ވަނީ ފާހަގަކުރައްވާފައެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ވަގުތީ ގޮތުން ހައްލުކުރުމަށް އައްޑޫއަށް ދެ ޖަނެރޭޓަރެއް ފެނަކައިން ވަނީ ގެނެސްފައެވެ. ފެނަކައިން ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުވެގެންދާނެއެވެ.