Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ހިކެން ބޭނުން ނަމަ ހެނދުނުގެ ނާސްތާ ދޫކޮށްލާ!

މީގެ ކުރިން އަބަދު ވެސް އަޑު އިވެނީ ހެނދުނުގެ ނާސްތާ ވަރަށް މުހިއްމު ވާހަކަ އެވެ. ހެނދުނުގެ ނާސްތާއަކީ ދުވަހުގެ ފެށުން ރަނގަޅުކޮށްދީ، މީހާގެ ހަށިގަަނޑު ހަކަތަ އިތުރުކޮށްދީ ހީވާގީކަމާ އެކު ދުވަހުގެ މަސައްކަތްތަކާ ކުރިމަތިލާން އެޅޭ ބާރަކަށްވާ ވާހަކަ އެވެ. މީގެ ސަބަބުން ދުޅަހެޔޮ ސިއްހަތަކަށް ބާރު އަޅައިދޭ ވާހަކަ އެވެ.

ހެނދުނުގެ ނާސްތާ ނުނަގާ ނަމަ ސިއްހީ ގިނަ މައްސަލަ ދިމާވާނެ ވާހަކައަކީ ވެސް އާންމުކޮށް އެންމެން އަބަދު ވެސް ދައްކާ ވާހަކައެކެވެ.

އެކަމަކު ނުހިކިގެން ކަންބޮޑުވާ މީހުންނަށް މިހާރު މިއޮތީގެ މީގެ އިދިކޮޅެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ބަރުދަން ލުއި ކުރަން ބޭނުން ނަމަ ހެނދުނުގެ ނާސްތާ މަތިން ހަނދާން ނައްތާލަން ޖެހެ އެވެ.

އޭގެ ބަދަލުގައި ދުވަހުގެ ފުރަތަމަ ކެއުމަކަށް ހަދަންވީ މެންދުރުގެ ކެއުމެވެ. މީގެ ސަބަބުން ހަށިގަނޑަށް އެތެރެ ކުރެވޭ ކެލޮރީޒްގެ މިންވަރު ދަށް ކުރެވޭ ކަމަށް ދިރާސާގައި ބުންޏެވެ.

މި ދިރާސާ ހަދާފައި ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލަފްބޮރޯ އާއި ބެޑްފޯޑްޝަޔާއިންނެވެ.

ދިރާސާ ހެދުމުގައި ހަރަކާތްތެރިވި ޑރ. ކެއިތު ޓޮލްފްރޭ ވިދާޅުވަނީ "ހެނދުނުގެ ނާސްތާއަކީ ދުވަހުގެ މައި ހަކަތަ" ކަމަށް ބުނާ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ހެނދުނުގެ ނާސްތާ ދޫކޮށްލުމަކީ ހިކެން ކިހާ ވަރަކަށް ބާރު އަޅައިދޭ ކަމެއް ކަމަށް ދިރާސާގައި މާ ތަފުސީލުކޮށް ހާމަކޮށްފައެއް ނުވެ އެވެ.