ލަންޑަންގައި ދިރިއުޅުއްވަމުން ގެންދަވާ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހުރިއްޔާ މުހައްމަދު ނަޝީދު ލަންކާއަށް މިއަދު ވަޑައިގަންނަވައިފިއެވެ.
ނަޝީދު ލަންކާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ ކުރީގެ ފޮރިން މިނިސްޓަރ ކެރަޕާ އަހްމަދު ނަސީމް އާއި ގަލޮޅު ދެކުނު ދާއިރާގެ މަޖްލިސް މެމްބަރ އަހްމަދު މަހްލޫފްއެވެ.
ނަޝީދު ލަންކާއަށް ވަޑައިގެންފައި މިވަނީ އެ ގައުމުގައި ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ގިނަ ސިޔާސީ ހަރަކާތްތަކެއް ހިންގަވަމުން ގެންދަވާ ވަގުތެއްގައެވެ. އެގޮތުން އިއްޔެ ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީގައި ވަނީ ސުލްހަވެރި މުޒާހަރާއެއް ބާއްވާފައެވެ.
މައިބަދައިގެ އޮޕަރޭޝަނަކަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ނަޝީދު އެގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވާފައިވާ އިރު ދޭތެރެ ދޭތެރެއިން ލަންކާއަށް ވަޑައިގެން ޕާޓީ ހިންގެވުމުގައި ހަރަކާތްތެރިވެވަޑައިގަންނަވައެވެ.