Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ލުކާކޫ ހުރީ މާދަމާ އަށް ތައްޔާރަށް: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ރޮމެލޫ ލުކާކޫ ހުރީ މާދަމާގެ ލިވަޕޫލް މެޗަށް ފިޓުކޮށް ކަމަށް ޔުނައިޓެޑުގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

އަނިޔާގެ ސަބަބުން ބެލްޖިއަމް އެންމެ ފަހަކަށް ކުޅުނު ދެމެޗުގެވެސް ފުރަތަމަ އެގާރައިން ޖާގަ ގެއްލިފައިވާ ލުކާކޫ ވަނީ ބެލްޖިއަމްއާ ސިޕްރަސް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ލަނޑު ޖަހާފައެވެ.

އަނިޔާގެ ސަބަބުން ޔުނައިޓެޑުގެ މިޑްފީލްޑަށް ހީނަރުތަކެއް އައިސްފައިވާއިރު ޕޮގްބާ އަދި ފެލައިނީ ވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ޖެހިފައެވެ.

މައިކަލް ކެރިކްވެސް އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު އޭނާއަށް ވަނީ ކްރިސްޓަލް ޕެލެސް އަދި މޮސްކޯ މެޗުގައިވެސް ބައިވެރިނުވެވިފައެވެ.

ލިވަޕޫލްއަށް ވެސް އަނިޔާގެ މައްސަލަ ދިމާވެފައިވާއިރު ލިވަޕޫލްގެ މަނޭ ވަނީ އަނިޔާވެ ދުވަސްކޮޅަކަށް ކުޅުމާއި ދުރަށްދާން ޖެހިފައެވެ.

މާދަމާ ކުޅޭ ފޯރިގަދަ މެޗު ފެށޭނީ ރާއްޖެ ގަޑިން ހަވީރު 4:30 ގައެވެ. މެޗު ކުޅޭނީ ލިވަޕޫލްގެ ދަނޑު، އެންފީލްޑުގައެވެ. މިދެޓީމު މިދިޔަ ސީޒަނުގައި ލީގުގައި ބައްދަލުކުރި ދެ މެޗުވެސް ވަނީ އެއްވަރުވެފައެވެ.