Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެކަނި ދިރިއުޅެމުން ދިޔަ އަލިބެ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި

އައްޑޫ ސިޓީ، ހުޅުދޫ (އޮކްޓޯބަރު 13): 'އައްޑޫލައިވް'ގެ މުޖްތަމައު ތެރެއިން ސެގްމެންޓްގައި ގެނެސްދިން، ހުޅުދޫގެ ގެއެއްގައި އެކަނި ދިރިއުޅެމުން ގެންދާތާ 40 އަހަރު ވެފައިވާ، އަލިތަކުރު (އަލިބެ) ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ހުންނަ ޖެންޑަ މިނިސްޓްރީގެ އޮފީހުގެ މުވައްޒަފުން ވަނީ ހިތަދޫގައި ހުންނަ އެ މިނިސްޓްރީގެ ސެންޓަރަށް އަލިބެ ގެންގޮސްފަ އެވެ.

ޖެންޑަ މިނިސްޓްރީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާދަމާ ހެނދުނު ފްލައިޓުން އަލިބެ މާލެ އަށް ގެންދާނެ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް އަލިބެ ގެންދާނެ ކަމަށެވެ.

އަލިބެ އަަކީ ލ.ފޮނަދު އަށް ނިސްބަތްވާ މީހެކެވެ. އޭނާ ހުޅުދޫ އަށް ހިޖުރަކުރީ، އޭނާ މަސައްކަތްކުރި ތިމަރަފުށީގެ ވިޔަފާރިވެރިޔަކު ހުޅުދޫގައި ބަން ބޯޓެއްގެ މަސައްކަތުގައެވެ.

އޭރުއްސުރެ އޭނާ ދިރިއުޅުނީ އެ ރަށު ފަޅުގެއެއްގައި އެކަނިމާ އެކަންޏެވެ. މި ހުރިހާ ދުވަހަކު ކައިބޮއި އުޅުނީ ހެދިކާ ހަދައިގެން ވިއްކައިގެންނާއި މަގުމަތި ސާފުކޮށްގެންނާއި މީހުންގެ ގޭގެއަށް ގޮސް މަސައްކަތް ކޮށްދީގެންނެވެ.

ނަމަވެސް އަލިބެ މުސްކުޅިވެ ބާރު ދެރަވެ އަމިއްލަ އަށް މަސައްކަތް ނުކުރެވެން ފެށި ހިސާބުން ހުޅުދޫގެ ބައެއް ރައްޔިތުން އަންނަނީ އޭނާ އަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އަލިބެ ހުޅުދޫގެ ރަޖިސްޓްރީއަށް ބަދަލުކޮށް، އައިޑީ ކާޑު ހައްދައި ދިނީ ވެސް ހުޅުދޫ މީހުންނެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރުވެސް ދައުލަތުގެ ބެލުމުގެ ދަށުން އަލިބެ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތް އޮތީ ކާމިޔާބު ނުވެފައެވެ.

އަލިބެއަށް އެހީތެރިކަން ހޯދުމަށް އެދި މިފަހަރު ސޯޝާލް މީޑިޔާގައި އެންމެ ފުރަތަމަ ލިޔުނީ، ހުޅުދޫ އަށް ނިސްބަތްވާ އަލީ އަންވަރެވެ. އޭނާ އަކީ މީގެ ކުރިން ވެސް އެތައް ފަހަރަކު އަލިބެ އަށް ދައުލަތުގެ އެހީތެރިކަން ހޯދުމުގައި މަސައްކަތް ކުރި މީހެކެވެ.