Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

"އަބްދުﷲ ގެ މަރުގެ ޒިންމާ ފަނޑިޔާރު ނަގަން ޖެހޭނެ"

މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމަށް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ ގ. ކީމާ، އަބްދުﷲ ރަޝީދު ކުއްލި ގޮތަކަށް މަރުވުމުން އޭގެ ޒިންމާ އޭނާގެ މައްޗަށް ހުކުމް ކުރި ފަނޑިޔާރު ނަގަން ޖެހޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލާ ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވެފައިވަނީ އަބްދުﷲ މަރުވެފައިވަނީ އެތައް ބަޔެއްގެ އިހުމާލުން ކަމަށާއި އެކަމުގެ ޒިންމާ އެފަރާތްތަކުން ނަގަން ޖެހޭނެ ކަމަށެވެ. އަދި އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

އަބްދުﷲ ގެ މައްޗަށް ބޭއިންސާފުން ކުރި ތަހުގީގުގެ މައްޗަށް ދައުވާ އުފުލައި ބޭއިންސާފުން ހުކުމްކޮށް، އެކަމުގައި ބައިވެރިވި އެންމެން އަބްދުﷲ ގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ހިސާން އިތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭނާއާ ދެކޮޅަށް ދޮގު ހެކިބަސް ދިން ފުލުހުންނާއި ވަކާލާތު ކުރި ވަކީލުންވެސް ހިމެނޭ ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ ދެއަހަރު ކުރިން އިދިކޮޅު ފަރާތްތަކުން މޭ މަހުގެ 1 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި ފުލުހަކު ބިންމައްޗަށް ވައްޓާލައި އެފުލުސް މީހާ އަށް ހަމަލާ ދިން ކަމަށް ބުނެ 9 މީހެއްގެ މައްޗަށް ދައުވާކޮށް ޖަލަށް ލުމަށް ހުކުމްކުރިއެވެ. އަބްދުﷲ ރަޝީދުގެ މައްޗަށްވެސް މާރާމާރީ ހިންގި ކަމުގެ ދައުވާ އުފުލައި ޖަލަށް ލުމަށްފަހު ހުކުމް ތަންފީޒު ކުރަމުން ގެންދަނިކޮށް މަރުވެފައިވަނީ އެތެރެހަށީގެ ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށެވެ.