Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ޓްރަމްޕް ވާޖިން އައިލެންޑްގެ "ރައީސް" އާ ބައްދަލުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެސަރަހައްދުގެ ގައުމުތަކަށް ދިމާވި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރި ދަތުރުފުޅުގައި އެމެރިކާގެ ވާޖިން އައިލެންޑްސްގެ ރައީސާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަނެއްކާވެސް ޓްރަމްޕަށް އަމާޒުވާން ފަށައިފިއެވެ.

އެމެރިކާގެ ބައެއްގެ ގޮތުގައި ވާޖިން އައިލެންޑްސް އޮންނައިރު އެތާ ރައްޔިތުންނަކީ ހަމަ އެމެރިކާ ރައްޔިތުންނެވެ. އަދި ރައީސަކީ ޚުދު ޑޮނަލްޑް ޓްރަމްޕްވެސްމެއެވެ. ވާޖިން އައިލެންޑްސްގެ ރައީސާ ބައްދަލުކުރި ކަމަށް ޓްރަމްޕް ވިދާޅުވީ ވާޖިން އައިލެންޑްސްގެ ގަވަނަރ ކެނެތް މެޕާއި ބައްދަލުކުރެއްވުމަށް ފަހުގައެވެ.

ޓްރަމްޕް ވަނީ ދާދި ފަހުން އެފްރިކާގެ ނެތް ގައުމެއްގެ ވާހަކަވެސް ވަރަށް ފަޚުރުވެރިކަމާއެކު ދައްކާފައެވެ. އާންމުކޮށް ޓްރަމްޕުގެ ވާހަކަފުޅުތަކުގައި ސަމާސާ މިޒާޖަށް ވާހަކަ ދެއްކި ނަމަވެސް މިފަދަ ވާހަކަތައް ޓްރަމްޕް ދައްކަވަނީ މައުލޫމާތު ފުރިހަމަނުވެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެމެރިކާގެ ރައީސްގެ މަގާމު ފުރުއްވަމުންދާ ބޭފުޅަކަށް އެމެރިކާގެ ރައްޔިތުންނާ ރަށްތައް ނޭނގުމަކީ ލަދުވެތި ކަމެއް ކަމަށްބުނެ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިޔާގައި ފާޑު ކިޔަމުންނެވެ.