Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މިދިޔަ މަހު ތިން ބިލިއަންގެ މުދާ އެތެރެ ކުރި: ކަސްޓަމް

ނިމިގެންދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް އެތެރެކުރި އިމްޕޯޓު މުދަލުގެ އަގު 3 ބިލިއަނަށް އަރައިފިއެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި އެތެރެކުރި މުދަލުގެ 10 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައިވެސް ރާއްޖެ އަށް ވަނީ 2.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. މިފަހަރު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔުނައިޓެޑު އަރަބް އެމިރޭޓްސް(ޔޫއޭއީ) އިންނެވެ. މުޅި ޖުމުލަ މުދަލުގެ %23 އިމްޕޯޓުކޮށްފައިވަނީ އެ ގައުމުންނެވެ.

ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ އަވަށްޓެރި އިންޑިއާ އިންނެވެ. އިންޑިއާއިން ރާއްޖެއަށް %13 މުދާ އިމްޕޯޓުކޮށްފައިވާއިރު %11 ސިންގަޕޫރުން އަދި %11 ޗައިނާއިން އެތެރެކޮށްފައިވެއެވެ.

އިމްޕޯޓު ކުރި މުދާ އިތުރުވެފައިވާއިރު އެކްސްޕޯޓު ކުރި މުދާވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މިއަހަރު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު މަހު 141 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިފަހަރު ރާއްޖެއިން ވަނީ 161 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ.