Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އޭބީސީ އައްޑޫ އޮޕެންސް ބެޑްމިންޓަން: ފޯރިގަދަކޮށް ނިންމާލައިފި

އައްޑޫ ބެޑްމިންޓަން ކްލަބުން އިންތިޒާމް ކުރި "އޭބީސީ އައްޑޫ އޮޕެންސް ބެޑްމިންޓަން ޗެލެންޖް" ފޯރިގަދަ ކުޅުމާއި އެކު ނިންމާލައިފިއެވެ.

ރާއްޖޭގެ އެއްވަނަ ޑިވިޝަންގެ ކުޅުންތެރިން ވާދަ ކުރި މި މުބާރާތުގެ އަންހެން އަދި ފިރިހެން ސިންގަލްސް ޗެމްޕިއަނުންނަކީ ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންނެވެ. އެގޮތުން ފިރިހެން ސިންގަލްސް ކާމިޔާބުކުރީ ފާއިތުވި ދިހަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ރިފާއުއެވެ. ރިފާއު އާއި ދެކޮޅަށް ކުޅުނީ ނާތިޖުއެވެ. ފައިނަލް މެޗް ރިފާއު ކާމިޔާބް ކުރީ 2-1 ސެޓުންނެވެ.

އަންހެން ފައިނަލްގައި ވާދަކުރީ 2012، 2014 އަދި 2015ގެ ރާއްޖޭގެ އަންހެން ޗެމްޕިއަން އަފްނާން އާއި ޝިފްނާ ހުސެއިން (ޝިފީ)އެވެ. މެޗް ސީދާ ދެ ސެޓުން ކާމިޔާބްކޮށް އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަފްނާންއެވެ.

އަންހެން ޑަބަލްސްގައި އަފްނާން އަދި ޝިފްނާގެ ޕެއާ ވާދަކުރީ ލައްމަތު އަދި ނީޒާ އާއިއެވެ. ސީދާ ދެ ސެޓުން މެޗް ކާމިޔާބްކޮށް އަންހެން ޑަބަލްސް ޗެމްޕިއަންކަން ނެގީ އަފްނާން އަދި ޝިފްނާއެވެ.

މުބާރާތުގައި ފެނިގެން ދިޔަ އެންމެ ވާދަވެރި މެޗަކީ ހޮރައިޒަން އެކަޑަމީގެ ނަޝީދު އަދި ޝިފާއުގެ ޕެއާ އާއި ނާތިޖު އަދި ފަޒީލްގެ ޕެއާ އާއި ބައްދަލު ކުރިމެޗެވެ. ފޯރިގަދަ ކުޅުމަކަށް ފަހު މެޗް ކާމިޔާބްކޮށް ޗެމްޕިއަންކަން ނެގީ ޝިފާއު އަދި ނަޝީދުއެވެ.

މިކްސްޑް ޑަބަލްސް ފައިނަލްގައި ޝިފްނާ ހުސެއިން އަދި އިބްރާހިމް މުހައްމަދު ވާދަކުރީ ފަޒީލް އަދި އަފްނާންއާއި އެވެ. މި މެޗް ސީދާ ދެ ސެޓުން ކާމިޔާބްކޮށް ޗެމްޕިއަންކަން ނެގީ ފަޒީލް އަދި އަފްނާންއެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މެޗް ޝަރަފްވެރިކޮށްދެއްވުމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ އިތުރުން އެންޓިކަރަޕްޝަން ކަމިޝަންގެ ރައީސް ހަސްނ ލުޠުފީ އާއި ބެޑްމިންޓަންއިން ރާއްޖެއަށް ފުރަތަމަ ސިލްވާ މެޑަލް ހޯދާދިން ޓީމްގައި ހިމެނުނު ހިތަދޫ އަލްމާސް ޠާހިރުގެ އިތުރުން ސްރީލަންކަންގެ އައްޑޫ މެނޭޖަރ ސުމަން ބައިވެރިވެވަޑައިގެންނެވިއެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ޗެމްޕިއަން އަދި ރަނައަޕް ޓީމަށްވަނީ ދީފައެވެ. މީގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އައްޑޫ ބެޑްމިންޓަން ކްލަބް މެދުވެރިކޮށް އައްޑޫގެ 3 ސްކޫލަކަށް ބެޑްމިންޓަން ކިޓް ހަވާލުކޮށްފައެވެ. ކިޓް ހަވާލުކޮށްފައިވަނީ ހިތަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލްގެ އިތުރުން ނޫރާނީ ސްކޫލަށެވެ.