Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ސިޓީން އަނެއްކާ ވެސް ލަނޑު ގޯންޏެއް

ޕްރިމިއާ ލީގުގައި އިއްޔެ މެންޗެސްޓާ ސިޓީ އަދި ސްޓޯކް ބައްދަލުކުރި މެޗު 2-7 ގެ ބޮޑު ތަފާތުން ސިޓީ ކާމިޔާބުކޮށް ފެންވަރު ދައްކާލައިފިއެވެ.

ސިޓީގެ ތަރި ސާޖިއޯ އަގުއޭރޯ ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާއި ދުރުގައި ހުރި މިދަނޑިވަޅުގައި ގިނަ ބަޔަކު ހީކޮށްގެން ތިބީ ޓީމުގެ އެޓޭކަށް ހީނަރުތަކެއް ލިބިގެން އަންނާނެ ކަމަށެވެ.

ނަމަވެސް ގައުމީ ޓީމުގެ މެޗުތަކަށް ފަހު ކުޅުންތެރިން އެނބުރި ކުލަބުތަކަށް އައިސް ކުޅުނު ފުރަތަމަ މެޗުގައި ސިޓީ ފޯވާޑުން ވަނީ ސްޓޯކް ލަދުގަންނަވާލާފައެވެ. އިއްޔެގެ މެޗުގައި ސިޓީ ޓީމުން ޖެހި 7 ލަނޑުގެ ތެރެއިން 6 ލަނޑަކީ ތަފާތު ހަ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ލަނޑުތަކެވެ.

ފުރަތަމަ ލަނޑު ގެބްރިއަލް ޖީސަސް ޖަހާފައިވާއިރު ދެވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ ސްޓާލިންގެ ފަރާތުންނެވެ. އޭގެ ފަހުން ޑޭވިޑް ސިލްވާ ލަނޑެއް ޖަހާފައިވަނިކޮށް ސްޓޯކުން ވަނީ ދެ ލަނޑު ކާމިޔާބުކޮށް އުއްމީދު އާކޮށްފައެވެ.

ނަމަވެސް ސިޓީ ކުޅުންތެރިން ވަނީ ފަހު ހާފުގައި އިތުރު 4 ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ. މިލަނޑުތައް ޖަހާފައިވަނީ އަނެއްކާވެސް ޖީސަސްއާއި ފާނަންޑީނިއޯ، ސަނޭގެ އިތުރުން ބާނާޑޯ ސިލްވާއެވެ. ސްޓޯކްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ޑިއޫފްއެވެ. ދެވަނަ ލަނޑަކީ ސިޓީގެ ވޯކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޭ އާސެނަލް އަދި ޗެލްސީ ކުޅުނު މެޗުތަކުން ދެޓީމުވެސް ބަލިވެ ތާވަލުގެ ފަހަތަށް ވެއްޓިފައިވާއިރު ޓޮޓެންހަމް ވަނީ ހަނިގޮތަކަށް މޮޅުވެ ޔުނައިޓެޑާއި ފަރަގު ކުޑަކޮށްފައެވެ.

ކްރިސްޓަލް ޕެލެސް އަތުން ޗެލްސީ ބަލިވެފައިވާއިރު ރޭ ޕެލެސް ޖެހި ދެ ލަނޑަކީ މިސީޒަނުގައި އެޓީމު ފުރަތަމަ ފަހަރަށް ޖެހި ލަނޑެވެ. އަދި މިއީ މިސީޒަނުގައި ކުޅުނު 8 މެޗުގެ ތެރެއިން ޕެލެސްއަށް ޕޮއިންޓެއް ލިބުނު ހަމައެކަނި މެޗުވެސްމެއެވެ. ޕެލެސްގެ ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ޗެލްސީގެ ސީޒާ އަޒްޕިލެކުއެޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ލަނޑު ޖަހާފައިވަނީ ޒަހާއެވެ. ޗެލްސީގެ ހަމައެކަނި ލަނޑަކީ ބަކަޔޯކޯ ޖެހި ލަނޑެކެވެ.

އާސެނަލް ބަލިވެފައިވަނީ ވަޓްފޯޑް އަތުންނެވެ. ޕާ މާޓެސެކާ އާސެނަލްއަށް ލީޑު ނަގާދީފައިވަނިކޮށް ވަޓްފޮޑް މެޗުން މޮޅުވެފައިވަނީ ފަހަތުން އަރައިގެންނެވެ. ޓްރޮއި ޑީނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައިވަނިކޮށް އިތުރު ވަގުތުގައި މެޗުން މޮޅުވީ ކްލެވަލީ ޖެހި ލަނޑަކުންނެވެ.

ބޯންމައުތާއި ސްޕާސް ބައްދަލުކުރި މެޗު ސްޕާސް ކާމިޔާބުކުރީ 0-1 އިންނެވެ. މި ލަނޑު ފެނިގެން ދިޔައީ ކްރިސްޓިއަން އެރިކްސަންގެ ފަރާތުންނެވެ.