Last Updated: June 19, 11:00
Friday, June 19, 2026
ކުޅިވަރު

ބާސާ އަތުން އެތުލެޓިކޯ އަށް ޕޮއިންޓެއް

ސްޕެނިޝް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗުގައި އެތްލެޓިކޯއިން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ލީޑު ނެގުމަށްފަހު ޑިފެންސިވް ގޭމެއް އެތްލެޓިކޯގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު އެޓީމުގެ ޑިފެންސަށް ވަނީ މެސީ ހުއްޓުވަން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ނަމަވެސް ރޭގެ މެޗުގައި މެސީއަށް އެތްލެޓިކޯގެ ޑިފެންސު ފޫއަޅުވާލާފައި ދެވޭ ގޮތެއް ނުވިއެވެ. މެޗުގެ 80 ވަނަ މިނެޓުގެ ކުޅުން ނިމިގެން ދިޔައިރުވެސް އެތްލެޓިކޯ އޮތީ ކުރީގައެވެ.

ބާސާއިން ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައިވަނީ 82 ވަނަ މިނެޓުގައި ސުއަރޭޒް ޖެހި ލަނޑަކުންނެވެ. އޭރިޔާ ތެރެއަށް ނަގައިދިން ބޯޅައެއް ސުއަރޭޒް ވަނީ ހުށިޔާރު ކަމާއެކު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ރޭ ރެއާލް މެޑްރިޑާއި ގެޓާފޭ ކުޅުނު މެޗު ރެއާލް ވަނީ 2-1 އިން ކާމިޔާބުކޮށް ބާސާއާ ދެމެދުގައި އޮތް ފަރަގު ކުޑަކޮށްފައެވެ. ބެންޒީމާ އަދި ރޮނާލްޑޯވެސް މެޗުގައި ލަނޑު ޖަހާފައިވާއިރު ގެޓާފޭ ޓީމުން ލަނޑު ޖަހާފައިވަނީ މޮލީނާއެވެ.

ބާސާ އެއްވަރުވުމުން ރެއާލް ވަނީ ބާސާއާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށް، އެތްލެޓިކޯ ފަހަތަށް ޖައްސާލުމަށްފަހު ތާވަލުގެ ދެވަނައަށް އަރާފައެވެ. ރެއާލަށް 17 ޕޮއިންޓު ލިބިފައިވާއިރު އެތްލެޓިކޯއަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ބާސާއަށް ވަނީ ކުޅުނު 8 މެޗުގެ ތެރެއިން 7 މެޗުން މޮޅުވެ އެއް މެޗުން އެއްވަރު ވުމަށްފަހު 22 ޕޮއިންޓު ލިބިފައެވެ.