Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ފެނަކަ މަރަދޫފޭދޫ އޮފީހުން ތިން މުވައްޒަފަކު ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މަރަދޫފޭދޫ ގޮފީގައި މަސައްކަތް ކުރަމުން ދިޔަ ތިން މުވައްޒަފަކު އެ ކުންފުނީގެ ވަޒީފާތަކުން ވަކިކޮށްފި އެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި އެ މުވައްޒަފުން ވަކިކޮށްފައި ވަނީ މިދިޔަ ހަފުތާތެރޭގަ އެވެ. ވަޒީފާއިން ވަކިކޮށްފައި ވަނީ އޮފީސް އެސިސްޓެންޓް މުހައްމަދު މޫސާ އާއި ސީނިއާ ސްޕަވައިޒަރު އިބްރާހިމް ޝާޠިރުގެ އިތުރުން ސީނިއަ އޮފިސަރު މުހައްމަދު މަނިކެވެ.

މިތިން މުވައްޒަފުން ވެސް ވަކި ކުރީ ކުންފުނީގެ އާ އޮނިގަނޑުގައިވާ ގޮތަށް 55 އަހަރު ވުމުންނެވެ.

ފެނަކައިގެ އިދާރީ މުވައްޒަފުން އަދި ޓެކްނީޝަނުންނާއި އިންޖިނިއަރުން 55 އަހަރުވެގެން ވަޒީފާއިން ވަކި ކުރި ނަމަވެސް ކުންފުނީގެ ސިޔާސީ މަގާމުތަކުގެ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން 55 އަހަރުން މަތިވިޔަސް ވަޒީފާގައި ތިބެވެ އެވެ. އެގޮތުން މަރަދޫފޭދޫ އޮފީހުގެ މެނޭޖަރު އަލީ ނިޒާރު އާއި ފެނަކަ ހިތަދޫ ޑިރެކްޓަރު މުހައްމަދު ނަސީރު އަދި މުހައްމަދު ހަލީމަކީ 55 އަހަރުން މަތީގެ މުވައްޒަފުންނެވެ.

މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފަށް ގުޅުމުން ފޯނު ނުނަންގަވާތީ ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.