Last Updated: June 21, 13:41
Sunday, June 21, 2026
ޚަބަރު

ކެރިއާ ނިންމާނީ ޔުނައިޓެޑަކު ނޫން: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑުގެ މެނޭޖަރު ޖޯސޭ މޮރީނިއޯ އޭނާގެ ކޯޗިން ކެރިއާ ނިންމާނީ ޔުނައިޓެޑުގައި ނޫން ކަމަށް ބުނެފިއެވެ.

ކުރިމަގާއި މެދު ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ އޭނާއަކީ އުއްމީދުތަކުން ފުރިފައިވާ ކޯޗެއް ކަމަށެވެ. އެހެންކަމުން އޭނާގެ ކޯޗިން ކެރިއަރުގެ ފަހު މަންޒިލަކަށް މެންޗެސްޓާ ޔުނައިޓެޑު ނަހަދާނެ ކަމަށް ބުނެފައިވެއެވެ.

ފްރާންސުގެ ޕީއެސްޖީއަށް ތައުރީފުކޮށް މޮރީނިއޯ މި އިންޓަވިއުގައި ވާހަކަ ދައްކާފައިވާއިރު އޭނާ ޔުނައިޓެޑަށްފަހު ދާން ބޭނުންވަނީ ޕީއެސްޖީއަށް ކަމަށް ބެލެވެއެވެ. އަދި އޭނާގެ ގައުމީ ޓީމު، ޕޯޗުގަލްގެ ކޯޗުކަމާއި ހަވާލުވުމަކީވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށް މޮރީނިއޯ ވަނީ ކުރިން ބުނެފައެވެ.

ހަތަރު އަހަރަށްވުރެ ގިނަ ދުވަހަށް އެއްވެސް ކުލަބެއްގައި މޮރީނިއޯ މަޑުކޮށްފައެއްނުވެއެވެ. ނަމަވެސް އޭނާ ކޯޗުކަން ކުރި 7 ޓީމަށްވެސް އޭނާ ވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާދީފައެވެ.

މޮރީނިއޯގެ ފުރަތަމަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް އިނގިރޭސި ފުޓުބޯޅަ ލީގު ކަޕާއި ޔޫރޮޕާ ލީގު ވަނީ ނަގާދީފައެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ލީގުގައި ޔުނައިޓެޑު ނިންމާލާފައިވަނީ ފަސް ވަނައިގައެވެ. މިސީޒަނުގައި ޔުނައިޓެޑު އަދި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު އިއްޔެ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑުގެ ޑިފެންސިވް ގޭމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މޮރީނިއޯ މެޗަށް ނިކުމެފައިވަނީވެސް އެއްވަރުވެ ޕޮއިންޓެއް ހޯދުމަށް ކަމަށްބުނެ ފާޑު ކީ ގިނަ މީހުންގެ ތެރޭގައި ޔުނައިޓެޑުގެ ސަޕޯޓަރުންވެސް ހިމެނެއެވެ.