Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ސޯމާލިއާގައި ބޮން ގޮއްވައި އެތައް ބަޔަކު މަރާލައިފި

AFP

ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި އިއްޔެ ދިން ވަރުގަދަ ބޮމުގެ ހަމަލާގައި އެތައް ބަޔަކު މަރާލައިފިއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާ ގޮތުގައި މިހަމަލާގައި މަރުވި މީހުންގެ އަދަދު ވަނީ 230 އަށް އަރާފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު ވަނީ 300 އަށް އަރާފައެވެ.

އެގައުމުގެ ފުލުހުންގެ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާގައި ބައެއް މީހުންގެ ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދައިގެން ގޮސްފައެވެ. ބޮމުގެ ބާރުގަދަކަމުން އެސަރަހައްދުގައި ތިބި ބައެއް އިމާރާތްތައްވެސް ވަނީ ފުނޑުފުނޑު ވެފައެވެ.

އިއްޔެ ދިން މިހަމަލާ ދީފައިވަނީ މޮގަދިޝޫގެ ވިޔަފާރި ޑިސްޓްރިކްޓަކަށެވެ. އެގަޑިއަކީ މީހުން ގިނަ އަދަދަކަށް އެސަރަހައްދަށް އެއްވެފައިވާ ވަގުތެކެވެ.

ޒަޚަމްވި މީހުންގެ ހާލު ސީރިއަސް ކަމުން މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބެލެވެއެވެ. މިހަމަލާ ދީފައިވަނީ ޓްރަކެއްގައި ބޮމެއް ހަރުކޮށް، ގޮއްވާލައިގެންނެވެ.