އެމްޑީޕީގެ "ދޭތިން ފަހެތި" ކެމްޕޭނުގެ 10 ޓީމަކުން 31 ރަށަކަށް ފަށައިފި އެވެ.
އިއްޔެ ފެށި މި ދަތުރުތަކުގައި އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ތަފާތު އެކި ސަރަހައްދުތަކުގައި، ކެމްޕެއިންގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީގެ މި ދަތުރުތަކުގައި ދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ހޯރަފުށި، އިހަވަންދޫ، ހދ. ކުޅުދުއްފުށި، އަދި ނ. ވެލިދޫ އާއި ހޮޅުދޫގެ އިތުރުން ރ. މީދުއާއި މަޑުއްވަރީ، ކ. ގުރައިދުއާއި މާފުށްޓާއި ގުޅި، ފ ފީއަލި، ބިލެއްދޫ، މަގޫދު އާއި ދަރަވަންދޫ އާއި ނިލަންދޫ، ތ. ބުރުނި، ވަންދޫ، ކަނޑޫދޫ .އޮމަދޫ ކިނބިދޫ، ތިމަރަފުށި އަދި ވ. އަތޮޅުން ރަކީދޫ، ކެޔޮދޫ، ފުލިދޫ، ތިނަދޫ އާއި ފެލިދޫ އަދި، ގދ. ތިނަދޫ، ވާދޫ، ގައްދޫ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކަށެވެ.
މި ދަތުރުތަކުގައި ކެމްޕެއިން އޮނިގަނޑު ތަޢާރަފްކޮށް ދިނުމާއި ދޮރުން ދޮރަށް ހިނގުމުގެ އިތުރުން އެމްޑީޕީގެ މެމްބަޝިޕް ފޯމް ފުރުމާއި ޖަލްސާ ބޭއްވުން ފަދަ ހަރަކާތްތައް ހިންގާނެ އެވެ.
މި ދަތުރުތަކުގައި ހއ، ހދ ޓީމުގެ ލީޑަރެއްގެ ގޮތުގައި ރައީސް ނަޝީދު ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ހަރަކާތްތެރިވެ ވަޑައިންނަވާ އިރު، ނ ވެލިދޫ ދާޢިރާގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިންނަވަނީ ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު އެވެ.
އަދި ރ މަޑުއްވަރި އާއި މީދޫ ޓީމުގެ އިސް ލީޑަރެއްގެ ގޮތުގައި މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު މާރިޔާ އަޙްމަދު ދީދީ، ތ ތިމަރަފުށި އަދި ވޭމަންޑޫ ދާއިރާގެ ޓީމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ތ. ކނިބިދޫ ދާއިރާ ރައީސް މުހައްމަދު ޝަރީފު (ސެންކޯ) އެވެ.
ވ ކެޔޮދޫ އަދި ފެލިދޫ ދާއިރާ ޓީމުގެ ލީޑަރެއްގެ ގޮތުގައި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު އަދި ފާފު ބިލެއްދޫ އާއި ނިލަންދޫ ޓީމުގެ އިސް ލީޑަރަކީ މުހައްމަދު ޝިހާބެވެ.
މި ޓީމުގައި ފ. ބިލެއްދޫ ދާޢިރާގެ މަޖިލިސް މެންބަރު އަޙްމަދު ހަމްޒާ ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، ގދ. ތިނަދޫ ދާއިރާ ޓީމުގައި ރައްޔިތުން މަޖިލީހުގެ ތިނަދޫ ދާޢިރާގެ މެންބަރު މުޙައްމަދު ޤަސަމް އާއި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އަދި ގދ ގައްދޫ ދާއިރާއަށް ޓީމް ލީޑަރެއްގެ ގޮތުގައި އަހުމަދު ޒާހިރު ވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީގެ ޓީމް ލީޑަރަކަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުސްތަފާ ލުތުފީ ހަރަކާތްތެރިވެ ވަޑައިންނަވާ އިރު، ފުވައްމުލަކު ޓީމުގެ ލީޑަރަކީ ހއ. ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިފާޒެވެ.
ދަތުރުތައް ނިންމާލުމަށް ފަހު ޓީމުތައް އެނބުރި މާލެ ދާނީ އާދިއްތަ ދުވަހު އެވެ.