Last Updated: April 26, 06:01
Friday, April 26, 2024
ކުޅިވަރު

އިކާޑީގެ ހެޓްރިކުން އިންޓާ، މިލާން ޑާބީ ކާމިޔާބުކޮށްފި

އިޓާލިއަން ސެރިއޭ އޭގައި ރޭ ކުޅުނު ފޯރިގަދަ މިލާން ޑާބީ، އިންޓަ މިލާނުން 2-3 އިން އޭސީ މިލާނުގެ މައްޗަށް ކުރި ހޯދައި، ކާމިޔާބުކޮށްފިއެވެ.

އިންޓާގެ ފަރާތުން މިސީޒަނުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ރޭގެ މޮޅާއެކު ޓީމު ވަނީ ތާވަލުގެ 2 ވަނައަށް ޖެހިލާފައެވެ. އަދި އެއްވަނައިގައި އޮތް ނަޕޯލީއާ ދެމެދުގައި އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ.

މެޗުގެ ފުރަތަމަ ގޯލު އިންޓާއަށް ޖަހާދީފައިވަނީ މައުރޯ އިކާޑީއެވެ. 28 ވަނަ މިނެޓުގައި އޭނާ ޖެހި ގޯލުން އިންޓާ ކުރީގައި އޮވެ ފުރަތަމަ ހާފު ވަނީ ނިމިގެން ގޮސްފައެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު އޭސީ މިލާނުގެ ސުސޯ ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މިގޯލު ޖެހިތާ މާގިނައިރުތަކެއް ނުވެ އިންޓާއިން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. އިންޓާގެ ދެވަނަ ގޯލުވެސް ޖަހާފައިވަނީ އިކާޑީއެވެ.

މެޗުގެ 81 ވަނަ މިނެޓުގައި އިންޓާގެ ހަންޑޮނޮވިޗް އަތުން ބައިކޮޅަށް ވަން ގޯލާއެކު އޭސީ މިލާނުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

އިންޓައަށް މެޗުން މޮޅުވި ލަނޑު 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހާފައިވަނީ އަނެއްކާވެސް އިކާޑީއެވެ.