Last Updated: April 24, 16:49
Wednesday, April 24, 2024
ޚަބަރު

ވެމްކޯއިން އައްޑު އަށް އިތުރު ފަސް ވެހިކަލް ގެންނަނީ

އައްޑޫގެ ކުނި މެނޭޖް ކުރާ ހަވާލުވެފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އައްޑު އަށް އިތުރު ފަސް ވެހިކަލް ގެންނަން ނިންމައިފި އެވެ.

ވެމްކޯގެ އިސް އޮފިޝަލަކު ވިދާޅުވީ އައްޑު އަށް ގެންނަ ފަސް ވެހިކަލް މިހާރު ބާޖަކަށް އަރުވައި ފޮނުވާލާފައިވާ ކަމަށެވެ.

ކުނިމެނޭޖް ކުރުމުގައި ވެމްކޯ ފުރަތަމަ ހަވާލުވި ދުވަސްކޮޅު ގިނަ މައްސަލަތައް ކުރިމަތިވި އެވެ. އެންމެ ބޮޑު މައްސަލައަކަށް ކުރިމަތިވީ ވެހިކަލް މަދުވުމުގެ މައްސަލަ އެވެ. ނަމަވެސް ފަހުން ވެމްކޯ އިން ވަނީ އެމްއާރްޑީސީގެ ބައެއް ލޮރިތައް ކުއްޔަށް ނަގައި މައްސަލަ ހައްލުކޮށްފަ އެވެ.

އަލަށް ގެންނަ ވެހިކަލްތަކާ އެކު ކުނި ނެގުމުގެ މައްސަލައަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.

އައްޑޫގައި ކުނީގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެންމެ ބޮޑު މައްސަލައަކީ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމެވެ.