Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ޗައިނާގެ އާ ރައީސަށް ރައީސްގެ ތަހުނިޔާ

ޗައިނާގެ ރައީސްގެ މަގާމަށް އަލަށް ހޮވިވަޑައިގެންނެވި ޒީ ޖިންޕިން އަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ އާ ރައީސަށް ތަހުނިޔާ ވިދާޅުވެފައި ވެ އެވެ.
އަދި ޗައިނާގެ ރައީސްކަމާ ޒީ ޖިންޕިން ހަވާލުވެވަޑައިގަތީ، ތަރައްޤީގެ ގޮތުން ޗައިނާ އަށް ވަރަށް މުހިންމު ވަގުތެއްގައިކަން ފާހަގަ ކުރައްވައި، އެ މަނިކުފާނުގެ ޒަޢާމަތުގައި ޗައިނާ އަށް އިތުރު ތަރައްޤީ އާއި ކުރިއެރުން ލިބިގެން ދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.

ރައީސްގެ މެސެޖުގައި، ދިވެހި ރާއްޖެ އާއި ޗައިނާ އާ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައި ވަނީ ވަރަށް ގާތް ގުޅުމެއްކަން ފާހަގަ ކުރައްވައި، މި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ތަރައްޤީވެ، ކުރިއަރަމުން ދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.