Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އަބްދުﷲ ގެ މަރުގެ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ހުކުމް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދު: ފޮޓޯ - ސަން

މީގެ ދެއަހަރު ކުރިން އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވެ، މާރާމާރީ ހިންގިކަމުގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރުމަށްފަހު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ގ. ކީމާ، އަބްދުﷲ ރަޝީދުގެ ކުއްލި މަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރާ ހަވާލާދީ އެހެން މީޑިއާކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކޮމިޝަނުން އަބްދުﷲ ގެ މަރުގެ ތަހުގީގު ފަށާފައިވަނީ ކޮމިޝަނުން އިސް ނަގައިގެންނެވެ.

މީޑިޔާގައި އަބްދުﷲ އާ މެދު ކަމާ ބެހޭ ފަރާތްތަކުން އިހުމާލު ވެފައިވާ ކަމުގެ އަޑުތައް ފެތުރެމުންދާ މިދަނޑިވަޅުގައި ހިއުމަން ރައިޓްސް ކޮމިޝަނުން މިމައްސަލަ ތަހުގީގު ކުރަން ފެށުމުގެ އިތުރުން އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އަބްދުﷲ މަރުވެފައިވަނީ އިހުމާލުން ކަމަށާއި އޭނާއަށް ހުކުމް ކުރި ފަނޑިޔާރާއި، އޭނާއާ ދެކޮޅަށް ކޯޓުގައި ދޮގު ހެކިބަސް ދިން ފުލުހުންނާއި އޭނާއާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރި ވަކީލުންވެސް އަބްދުﷲ ގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލާ، ހިސާން ހުސެއިން ވިދާޅުވެފައިވެއެވެ.