މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސްއާ ގުޅޭގޮތުން އަސްލެއް ނެތް ދޮގު ވާހަކަ ފަތުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެއިދާރާއިން ބުނެފިއެވެ.
ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ގައިދީއަކާ މެދު ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށާއި ގައިދީއަކަށް ވަކި ފަރުވާއެއް ދިނުމަށް މަޖުބޫރު ކޮށްފައި ނުވާނެ ކަމަށެވެ.
ގައިދީއަކު ބަލިވެއްޖެނަމަ ކަރެކްޝަންސްގެ މެޑިކަލް އޮފިސަރު އެންމެ ފުރަތަމަ އެގައިދީއަކު ބަލާނެ ކަމަށާއި އިތުރު ފަރުވާ ދޭން ޖެހޭނަމަ ސިއްހީ ހިދުމަތް ދޭ މަރުކަޒަކުން ކަމާ ބެހޭ ޑޮކްޓަރަކަށް ދެއްކުމަށް ނަމްބަރު ނަގާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެގައިދީއަކު ބަލާނެ ޑޮކްޓަރެއް ކަނޑައަޅާނީ އެމަރުކަޒުން ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޑޮކްޓަރު ދޭ ލިޔުމެއް ގައިދީގެ އާއިލާއަށް ނުދީ ހިފަހައްޓާފައި ނުވާނެ ކަމަށާއި ބައެއް ކަހަލަ ފަރުވާއަކީ އާއިލާގެ ހުއްދަ ލިބުމުން ނޫނީ ނުދެވޭނެ ފަރުވާއަށް ވާއިރު އެފަދަ ފަރުވާއެއް ގައިދީއަކަށް ދިނުމުގެ ކުރިން އާއިލާގެ ހުއްދަ ހޯދާނެ ކަމަށްވެސް ކަރެކްޝަންސް އިން ބުނެފައިވެއެވެ.
ކަރެކްޝަންސް އިން ގަވާއިދުތަކާއި އަމަލު ކުރާ ގޮތް ބަޔާންކޮށް ނޫސް ބަޔާން ނެރެފައިވަނީ ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގަޔަށް ކަރެކްޝަންސް އިން އިންޖެކްޝަނެއް ޖެހުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރުމާއި ގުޅިގެންނެވެ.