Last Updated: April 27, 10:10
Saturday, April 27, 2024
ދުނިޔެ

އަލިފާންގަނޑުގެ ސަބަބުން އެތައް ބަޔަކު މަރުވެއްޖެ

ފޮޓޯ: އީޕީއޭ

މިދިޔަ ހަފްތާ ބަންދު ތެރޭގައި މެދު އަދި އުތުރު ޕޯޖުގަލްގައި ފެތުރެންފެށި އަލިފާންގަނޑުގެ ސަބަބުން މަދުވެގެން 31 މީހުން މަރުވެއްޖެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

އަދިވެސް ހުއްޓުމެއްނެތި ފެތުރެމުންދާ 145 އަލިފާންގަނޑުގެ ތެރެއިން ގިނަ އަލިފާންގަނޑުތައް ވަރަށް ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެގޮތުން އުތުރަށް ބަލާއިރު، ސްޕެއިންގެ ގެލީސިއާ ސަރަޙައްދުގެ ބޯޑަރު ކައިރިން ފެތުރެން ފެށި އަލިފާންގަނޑުގެ ސަބަބުން މަދުވެގެން ތިން މީހުން ވަނީ މަރުވެފަ އެވެ.

ހޫނުގަދަވުމުގެ ސަބަބުން ފެތުރެންފެށި އަލިފާންގަނޑުތައް ނިއްވާލުމުގެ މަސައްކަތް މިހާރުވެސް އެތައް ހާސް ފަޔާފައިޓަރުން ދަނީ ކުރަމުންނެވެ.

އަލިފާންގަނޑުގެ ހާލަތު ވަނީ ތޫފާން އޮފީލިއާގެ ސަބަބުން އިތުރަށް ގޯސްވެފައެވެ. ތޫފާން އޮފީލިއާ ދަނީ ބާރުގަދަ ވަޔާއެކު ޔޫރޮޕްގެ ހުޅަނގު އައްސޭރިފަށާއި ދިމާއަށް މިސްރާބު ޖަހަމުންނެވެ. އަދި ތޫފާންގެ ސަބަބުން ޖެހޭ ބާރުގަދަ ވައިގެ ސަބަބުން އަލިފާންގަނޑު ވަނީ އިތުރަށް ފެތުރިފައެވެ.

ޕޯޖުގަލް 50 އަށްވުރެ ގިނަ މީހުން މި ހާދިސާގައި އަނިޔާވެފައިވާއިރު، 15 މީހެއްގެ ހާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެޤައުމުގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ގިނަ އަދަދެއްގެ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އޭގެ ތެރޭގައި އެއް މަހުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

ސްޕެއިންގައި އަލިފާނުގެ ސަބަބުން އަނދާހުލިވެފައި ހުރި ކާރެއްގެ ތެރެއިން ވެސް ވަނީ މަރުވެފައިވާ ދެ މީހަކު ފެނިފައެވެ.

މި ސަރަޙައްދުތަކަށް ވާރޭ ވެހޭނެ ކަމަށްވެސް މޫސުމާއިބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

މި ހާދިސާ ކޮންޓްރޯލް ކުރެވެންދެން ޕޯޗުގަލްގެ ގިނަ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ޕޯޗުގަލްގެ ޓޭގަސް ކޯރުގެ އުތުރުގެ ސަރަޙައްދުގައި ވަނީ ކުއްލި ޙާލަތު އިއުލާންކޮށްފަ އެވެ.

މި އަހަރުގެ ޖޫން މަހުވެސް ޕޯޗުގަލްގެ ޖަންގައްޔެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި 64 މީހުން މަރުވެ، އިތުރު 130 މީހުންނަށް ވަނީ އަނިޔާވެފައެވެ.