Last Updated: April 25, 17:15
Thursday, April 25, 2024
ދުނިޔެ

ތޫފާން އޮފީލިއާގައި އަޔަލޭންޑުން ތިން މީހަކު މަރުވެއްޖެ

ބްރިޓިޝް އައިލްސް އަށް އެރި ތޫފާން އޮފީލިއާގައި ދެ ފިރިހެނުންނާއި އަންހެނަކު މަރުވެއްޖެ އެވެ.

އޭގެ ތެރެއިން އެއް ފިރިހެނަކާއި އަންހެން މީހާ މަރުވެފައި ވަނީ އަޔަލޭންޑަށް އެރި މި ވަރުގަދަ ތޫފާންގެ ސަބަބުން އެމީހުން ތިބި ކާރުތަކުގެ މައްޗަށް ގަސްތައް ވެއްޓުމުގެ ސަބަބުންނެވެ.

އަނެއް ފިރިހެން މީހާ މަރުވެފައި ވަނީ ތޫފާންގެ ސަބަބުން ވެއްޓުނު ގަހެއް ކީހަކުން ބުރިކުރަން އުޅުމުގެ ތެރޭގައެވެ.

އަޔަލޭންޑްގެ އެކި ސަރަޙައްދުތަކަށް މި ތޫފާންގެ އަސަރުކޮށްފައިވާއިރު، އެތައް ހާސް ގެތަކާއި ވިޔަފާރިތަކަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އަދި އަޔަލޭންޑްގެ ހުރިހާ ސްކޫލެއްވެސް ވަނީ މި ހާދިސާއާއި ގުޅިގެން ބަންދުކޮށްފަ އެވެ.

އައިރިޝް ރިޕަބްލިކް ގައި 360،000 ގެއަކުން ކަރަންޓު ކެނޑިފައިވާއިރު، އުތުރު އަޔަލޭންޑްގައި ކަރަންޓު ކެނޑިފައި ވަނީ 18،000 ގެއަކުންނެވެ.

މީގެ އިތުރުން އަޔަލޭންޑް ކައިރީގައި އޮންނަ ވޭލްސްގެ 4،000 ކަސްޓަމަރަކަށް ވެސް ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

އަޔަލޭންޑްގެ ފުލުހުން ވަނީ މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ގޭގައި މަޑުކޮށް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް ނުކުރުމަށް އެދިފައެވެ.

އަޔަލޭންޑްގެ ދެކުނު އައްސޭރިން ގަޑިއަކު 109 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ފުރާނައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު މެޓް އޮފީހުން ވަނީ ދީފައެވެ.

މީގެ އިތުރުން ސްކޮޓްލޭންޑާއި ހުޅަނގު އަދި އުތުރު އިންގްލޭންޑްގެ އިތުރުން ވޭލްސް އަށް ވެސް ބާރަށް ވައިޖެހޭނެކަން ލަފާކޮށް، މޫސުމާއިބެހޭ އިދާރާއިން ވަނީ ޔެލޯ އެލާޓެއް ނެރެފައެވެ.

ބެލެވޭ ގޮތުގައި މިއީ މިއަހަރު ތެރޭގައި އެ ސަރަޙައްދަށް އަރާނެ އެންމެ ބާރުގަދަ އެއް ތޫފާނެވެ.