Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އައްޑޫ ޓީމް ވަރުގަދަ، ބޭނުމީ ރައްޔިތުންގެ ސަޕޯޓް: އާތި

މި މަހުގެ 21 ވަނަ ދުވަހު ގައުމީ 19 އަހަރުން ދަށުގެ ޓީމާއި އައްޑޫން ހޮވާލެވުނު 19 އަހަރުން ދަށުގެ ޓީމު ބައްދަލު ކުރާ މެޗަކީ ވަރުގަދަ އަދި ރަނގަޅު ވަރުގަދަ ކުޅުމެއް ފެނިގެން ދާނެ މެޗެއް ކަމަށް އެފްއޭމްގެ ކޯޗް އަހުމަދު އާތިފް (އާތީ) ބުނެފި އެވެ.

މެޗްގެ ކުރިން ރޭ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވި ނޫސް ކޮންފަރެންސްގައި އާތީ ބުނީ ޓީމްގައި ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށާއި މާލޭން އަންނަ ގައުމީ ޓީމަށް މި ޓީމް ބަލިކުރަން ފަސޭހަ ނުވާނެ ކަމަށެވެ.

އައްޑުއަކީ ފުޓްބޯޅައިގެ ތަރިން ހިމެނޭ އަތޮޅެއް ކަމަށާއި މިހާރު އައްޑޫން ހޮވާލެވިފައިވާ ޓީމްގައި ވެސް މުސްތަގުބަލްގެ ތަރިން ތިބި ކަމަށް އާތީ ފާހަގަ ކުރި އެވެ. އޭނާ ބުނީ ގައުމީ 19 އަހަރުން ދަށުގެ ޓީމް އައްޑޫ ސްޓޭޑިއަމްގައި ކުޅޭ އިރު އަތޮޅުން ހޮވާލެވޭ ޓީމަށް މުހިއްމީ އަތޮޅު ރައްޔިތުންގެ ސަޕޯޓް ކަމަށެވެ. އަދި އެ ސަޕޯޓާ އެކު ގައުމީ ޓީމަށް ދަތިތަކާއި ކުރިމަތިވާނެ ކަމަށް އާތީ ފާހަގަ ކުރި އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ތުރުކީގެ ޖޭން ވަންލީގެ ހާއްސަ އިރުޝާދުގެ ދަށުން އައްޑޫ ޓީމް ފަރިތަ ކުރަމުން އަންނަ އިރު މި ޓީމްގައި ގައުމީ 19 އަހަރުން ދަށުގެ ޓީމަށް ނެގި ކުޅުންތެރިން ވެސް ހިމެނެ އެވެ. ނަމަވެސް އައްޑޫ ޓީމްގެ ކުޅުންތެރިންނަށް މިހާރު 19 އަހަރުން ދަށުގެ ގައުމީ ޓީމު ރާއްޖޭން ބޭރުގައި ތަމްސީލު ކުރުމަށްދާ ޓީމުން ފުރުސަތެއް ނުލިބޭނެ އެވެ.

ރޭގެ ނޫސް ކޮންފަރެންސްގައި އެފްއޭމްގެ ނައިބް ރައީސާ އައިޝަތު ނާޒިމާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގައުމީ ޓީމަށް ހުނަރުވެރި ކުޅުންތެރިން ހޯދުމަށް އެފްއޭއެމުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ބާއްވައި ހުނަރު ހުރި ކުޅުންތެރިން ހޯދާނެ ކަމަށެވެ.

އަދި އައްޑުއަކީ މިވަގުތު އެފްއޭއެމްގެ ވަސީލަށް ބަރާބަރަށް ގާއިމް ކުރެވިފައިވާ ތަނެއް ކަމުން ކުރިމަގުގައި ވެސް ކޯޗުންގެ އިރުޝާދުގެ ދަށުން ޓީމްތައް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ނާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޓަ ސްކޫލާއި އިތުރު ފުޓްބޯޅަ މުބާރާތް އަތޮޅު ތެރޭގައި ބޭއްވުމަށް ވެސް އެފްއޭއެމުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.