އަތޮޅު ތެރޭ ރައްޔިތުންނަށް ބޮޑު އަގުގައި ފެނާއި ކަރަންޓް ވިއްކާ ފެނަކައިން ޑޮލަރު ގަތުމުގެ ނަމުގައި ހިންގާފައިވާ ބޮޑު ކަރަޕްޝަންގެ އަދަދު އެނގޭ ހެއްޔެވެ. އެތައް ބަޔަކަށް ބައި އެޅޭ ގޮތަށް ބައްޓަން ކޮށްފައިވާ ފެނަކައިން 2014 އަދި 2015 ވަނަ އަހަރު ވަނީ އެތައް މިލިއަން ރުފިޔާއަށް ޑޮލަރު ގަނެފައެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފައިވާ ފެނަކައިގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްއެމްއޭއިން އާއްމުކޮށްފައިވާ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އާއި ހިލާފަށް 95.56 މިލިއަން ރުފިޔާގެ ޑޮލަރު ވަނީ ގަނެފައެވެ.
އެގޮތުން އަމިއްލަ ބައެއް ފަރާތް މެދުވެރިކޮށް ކަމިޝަންގެ ގޮތުގައި 5.08 މިލިއަން ރުފިޔާ ވަނީ ނަގާފައެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން 2106 ވަނަ އަހަރުވެސް ފެނަކައިން ޑޮލަރު ގަންނަން އަމިއްލަ ކުންފުންޏަކަށް ދޫކުރި 1 މިލިއަން ޑޮލަރު ވަނީ ކުންފުންޏަށް ނުލިބި ގެއްލިފައެވެ. ފެނަކައިގެ ޑޮލަރު ކަރަޕްޝަންގެ އަގު 22 މިލިއަނަށް ވުރެ މައްޗަށް ވަނީ ޖެހިފައެވެ.
152 އިންޖީނުގެ ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ މިފަދަ ކަރަޕްޝަންގެ ސަބަބުން އާއްމު ރައްޔިތުންގެ ޖީބަށް މިދަނީ ބާރު ބޮޑުވަމުންނެވެ. ކުންފުންޏަށް ގެއްލޭ ކޮންމެ ފައިސާ ގަނޑެއްގެ ބަދަލުގައި ރައްޔިތުން އުފުއްލަން ޖެހޭ ތަކްލީފް މިދަނީ ބޮޑުވަމުނެވެ.
ފެނަކައިގެ ކަރަޕްޝަންގެ އެކި މައުލޫމާތު ތިޔަ ލޮބުވެތި ރައްޔިތުންނަށް އައްޑޫލައިވްއިން ސިލްސިލާކޮށް ގެނެސް ދޭނަމެވެ.