Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ފަސް އެއާޕޯޓެއްގެ އެއްބަސްވުން ބާޠިލްކޮށްފި

ރާއްޖޭގެ ފަސް ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ހަވާލުކޮށްފައިވާ އެއްބަސްވުން ސަރުކާރުން އުވާލައިފިއެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިއަދު ވިދާޅުވީ މެލޭޝިއާގެ ގްރިފަން އާއި އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އުވާލީ ދެވަނަ ފުރުސަތެއް ދީގެންވެސް މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަނުޖެއްސިގެންނެވެ.

ސާމީ ވިދާޅުވީ މި އެއްބަސްވުންތައް ސަރުކާރުން އުވާލާފައިވަނީ މިދިޔަ މަހުގެ 18 ވަަނަ ދުވަހުއެވެ.

މިއަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު ގްރިފަން އާއި އެކު ސަރުކާރުން އެއްބަސްވުން ހަދާފައިވަނީ ހދ. ކުޅުދުއްފުއްޓާއި، ށ. ފުނަދޫއާއި، ފ. ނިލަންދޫ އާއި ގދ. ފަރެސްމާތޮޑާ އަދި ގދ. މާވަރުލުގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެއާޕޯޓް ތަރައްޤީ ކުރުމަށެވެ.

ސާމީ ވިދާޅުވީ މި ރަށްތަކުގައި އެއާޕޯޓް ތަރައްޤީ ކުރުމުގެ ޝައުގުވެރިކަން މިހާރުވެސް ބައެއް ފަރާތްތަކުން ސަރުކާރަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އެގޮތުން ހދ ކުޅުދުއްފުށީ އެއާޕޯޓް ތަރައްްޤީ ކުރުމަށް އެމްޓީސީސީ އާއި ސަރުކާރުން މިހާރު ވަނީ ހަވާލުކޮށްފައެވެ.