މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަން ދޫކޮށް އެހެން ކުލަބެއްގެ ކޯޗުކަމާއި ހަވާލުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޖޯސޭ މޮރީނިއޯ ބުނެފިއެވެ.
މާދަމާ ރޭ ޗެމްޕިއަންސް ލީގުގައި މެން ޔުނައިޓެޑާއި ބެންފީކާ ބައްދަލުކުރާ މެޗުގެ ކުރިން މޮރީނިއޯ ނޫސްވެރިންނާ ބައްދަލުކޮށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ބުނެފައިވަނީ އޭނާގެ ކޮންޓްރެކްޓެއް އެބަ އޮތް ކަމަށެވެ.
"އަހަރެންގެ ކޮންޓްރެކްޓެއް އެބަ އޮތް ޖޫން 2019 އާ ހަމައަށް. މިއީ އޮކްޓޯބަރު 2017. އެހެންކަމުން ތިސުވާލަށް ދޭނެ ޖަވާބެއް ނެތް. އަހަރެން ޔުނައިޓެޑު ދޫކޮށް ދާކަށް ނެތިން." މޮރީނިއޯ ބުނެފައިވެއެވެ.
މޮރީނިއޯ ފްރާންސު ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ ކޯޗިން ކެރިއަރު ޔުނައިޓެޑުގައި ނިންމާނުލާނެ ކަމަށް ބުނެފައެވެ. މިއަދުގެ އިންޓަވިއުގައިވެސް އޭނާ ވަނީ އެވާހަކަ ތަކުރާރުކޮށްފައެވެ.
މޮރީނިއޯ ބުނެފައިވަނީ މިއަދުގެ ފުޓުބޯޅައިގައި އެއް ކުލަބެއްގައި 15،20 އަހަރު ވަންދެން މަޑުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ އަދި 15 ނުވަތަ 20 އަހަރަށް ކޯޗު ކަން ކުރަން ބޭނުން ކަމަށާއި އެހެންކަމުން ޔުނައިޓެޑުގައި މަޑުކުރުމަކީ ދުރު ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.