Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ގައުމު އެތައް ޖީލަކަށް ދަރަނިވެރިކޮށްފި: އަމީތު

މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު އަމީތު، ފޮޓޯ: އަވަސް

ސަރުކާރުން އެކި ބިޔަ މަޝްރޫއުތަކަށް ބޭރުގެ އެކި ފަރާތްތަކުން ލޯނު ނަގަމުން ގޮސް ގައުމު މިވަނީ އެތައް ޖީލަކަށް ދަރަނިވެފައިކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ޖުމްހުރީ ޕާޓީގެ ޖަގަހަ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު ވިދާޅުވީ ސަރުކާރުން މަތި މައްޗަށް ބޮޑެތި ލޯން ނަގަމުން އަންނަ އިރު އެލޯން އަދާ ކުރަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށެވެ.

އަމީތު ވިދާޅުވީ ލޯން އަދާ ކުރެވޭނެ ގާބިލް ކަމެއް، ނުވަތަ ލޯން އަދާ ކުރާނެ ގޮތެއް ސަރުކާރަކަށް ބުނެ ނުދެވޭކަމަށެވެ. ނަމަވެސް އަބަދުވެސް ފެންނަނީ ތަރައްޤީގެ ނަމުގައި ދިވެހިން ދަރަނިވެރިވަމުންދާ ތަން ކަމަށެވެ.

އަމީތު ވިދާޅުވީ ލޯން މި ސަރުކާރުން ނެގި ނަމަވެސް އެ އަދާ ކުރަން ޖެހޭނީ ދެން އަންނަ ސަރުކާރަކުން ކަމަށެވެ. އަދި އާމްދަނީ ލިބޭނެ އާ އުސޫލްތަކެއް ނެތި މި ގޮތަށް ލޯން ނަގައިގެން ގައުމު އެއްކޮށް ދަރަނިވެގެން ހިގައިދާނެ ކަމަށެވެ.

ބްރިޖާއި އެއާޕޯޓް ޓާމިނަލްގެ އިތުރުން ހޮސްޕިޓަލްގެ ބިޔަ މަޝްރޫއު ތަކަކީ ލޯން ފައިސާކަން އަމީތު ފާހަގަ ކުރެއްވިއެވެ.

އަމީތު ވިދާޅުވީ 7000 ފެލެޓް އަޅާ ވާހަކަ ދައްކާއިރު މީގެ ކުރީގެ ސަރުކާރުން އެޅި ފްލެޓްތައް މި ސަރުކާރު ނިމިގެންދާއިރު ވެސް ހަވާލު ނުކުރެވޭކަމަށެވެ. ނަމަވެސް އިމާރާތް ކުރަން ނުފަށާ ފްލެޓްތަކެއް ދޭނެ ކަމަށް ވާހަކަ ދެއްކުމަކީ ބޮޑު ޖޯކެއް ކަމަށެވެ.