Last Updated: April 20, 07:18
Saturday, April 20, 2024
ކުޅިވަރު

ރެއަލް މެޑްރިޑަށް ޓޮޓެންހަމް އަތުން ޕޮއިންޓެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ތެރެއިން ގްރޫޕް އެޗްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ގޯލުވެސް ޖަހާފައިވަނީ ޓޮޓެންހަމްއިންނެވެ. 28 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު ރަފައެލް ވަރާން އަތުން ބައިކޮޅަށް ވަން ގޯލާއެކު ސްޕާސް ކުޅުނީ ލީޑުގައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރެއާލް އިން ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. ރެއާލްގެ ލަނޑު ޖަހާދީފައިވަނީ ކްރިސްޓިއާނޯއެވެ.

ރޭ މިގްރޫޕުގެ ދެން އޮތް ދެ ޓީމު ކުޅުނު މެޗުވެސް ނިމިގެން ގޮސްފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. ނިކޮސިއާ އާއި ބޮރޫޝިޔާ ޑޯޓްމަންޑު ކުޅުނު މެޗު އެއްވަރުވެ ދެޓީމަށްވެސް ވަނީ ގްރޫޕް ސްޓޭޖު ފަހަނަޅާ ދިއުމުގެ ފުރުސަތު ކުޑަވެފައެވެ. ދެޓީމަށްވެސް މީގެ ކުރިން މޮޅެއް ލިބިފައިނުވާއިރު ރޭގެ މެޗުން އެއްވަރުވެ ލިބިފައިވަނީ އެއް ޕޮއިންޓެވެ. ރެއާލް އާއި ސްޕާސްއަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ.