މުޖުތަމައަށް ނުރައްކާތެރި ކަމަށް ބެލެވޭ 9 މީހަކާއި ދެކޮޅަށް މޮނިކޮން އަމުރު ނެރެދިނުމަށް ފުލުހުން ކޯޓުގައި އެދުމުން ކޯޓުން އަމުރު ނެރެފިއެވެ.
ކޯޓުން މޮނިކޮން އަމުރު ނެރުނު 9 މީހުންގެ ފައިގައި ޓެގު އަޅުވައި ފުލުހުން މޮނީޓާކޮށް ކޮންޓްރޯލް ކުރަން މިއަދު ފަށާނެ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާ ގޮތުގައި މޮނިކޮން އަމުރު ނެރެފައިވަނީ މާލޭގައި ހަރަކާތްތެރިވާ ހަތަރު ގްރޫޕަކަށް ނިސްބަތްވާ މީހުންނާ ދެކޮޅަށެވެ. މިމަހުގެ 1 ވަނަ ދުވަހު ކޮން އަމުރާ ގުޅޭ ގޮތުން ހޯމް މިނިސްޓަރަށް ލަފާ އަރުވާ ކޮމެޓީއިން ވަނީ 9 މީހަކާ ދެކޮޅަށް އަމުރު ނެރުމަށް ނިންމައި ލަފާ ދީފައެވެ.
ފުލުހުން ކޯޓަށް މިމައްސަލަ ހުށައަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. ކޯޓުން އަމުރު ނެރުމުން ފުލުހުންނަށް އަމުރު ނެރުނު މީހުންގެ ފައިގައި ޓެގު އަޅުވައި މޮނީޓާކޮށް ކޮންޓްރޯލް ކުރުމުގެ ހައްގު ލިބިގެންދާނެއެވެ.
ޓެގު އެޅުވުމުން ރޭގަނޑު 10:00 އަކާއި ހެނދުނު 6:00 އާ ދެމެދު ވަގުތުތަކުގައި ބޭރަށް ނުނިކުމެވޭނެއެވެ. އަދި މާލެ ދޫކޮށް ނުދެވުމާއި ހޯމް މިނިސްޓްރީން ކަނޑައަޅާ ވަކި ތަންތަނަށްވެސް ނުދެވޭނެއެވެ. މީގެ އިތުރުން މުއާސަލާތީ މުއާމަލާތްތައް ފުލުހުންނަށް ކޮންޓްރޯލް ކުރެވޭނެއެވެ. އަދި މާލީ މުއާމަލާތްތަކާއި މުދާވެސް ފުލުހުންނަށް ކޮންޓްރޯލް ކުރެވޭނެއެވެ.