ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އައި ފަހުން ބައިނަލް އަގުވާމީ ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ބާކީވެއްޖެ ކަމަށާއި އދ ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ ވާދަނުކުރީ އެެހެންވެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ ގޮނޑިއަށް ވާދަނުކުރަން ނިންމި ސަބަބު ވަރަށް ސާފު ކަމަށާއި ގަތަރު ގޮނޑިއަށް ހޮވުމުން އުފާވާ ކަމަށެވެ.
It's understandable why Maldives withdrew early from HRC elections: under PY Maldives is an international outcast. Glad to see Qatar elected
— Mohamed Nasheed (@MohamedNasheed) October 17, 2017
ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއިން އިއްޔެ އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އޭޝިޔާ ޕެސިފިކް ރީޖަންގެ ހަތަރު ގޮނޑިއަށް ވާދަނުކުރާ ކަމަށާއި ރާއްޖެއިން ވަނީ ކުރިން ވާދަކުރުމަށްފަހު ނަން އަނބުރާ ގެންގޮސްފައި ކަމަށް ބަޔާންކޮށްފައެވެ.
އެހެން ނަމަވެސް ހަތަރު ގައުމަކުން ވަނީ މި ވޯޓަށް އެހިއިރު ރާއްޖެއަށް ވޯޓު ދީފައެވެ. ޚިޔާލު ފާޅު ކުރުމާއި ދީނީ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާ، ޑރ. އަހުމަދު ޝަހީދު މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖެއިން ނަން އަނބުރާ ނެގީ ނުހޮވޭނެ ކަން އެނގޭތީ ކަމަށާއި ބައިނަލް އަގުވާމީ ދުނިޔޭގައި މިއަދު ރާއްޖެއަށް ތާއީދެއް ނެތް ކަމަށެވެ.