Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

"މިއީ އަންދާ ގާނޫނު، މިކަހަލަ ގާނޫނެއް ބޭނުމެއް ނޫން"

ހުކުމް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދު: ފޮޓޯ - ސަން

މޭއި ޑޭގެ މުޒާހަރާ އާއި ގުޅިގެން ޖަލަށްލާފައި ހުއްޓާ މިމަހުގެ 10 ވަނަ ދުވަހު ހެނދުނު ނިޔާވި ގ. ކީމާ އަބްދުﷲ ރަޝީދު ނިޔާވެފައިވަނީ ބައެއްގެ އިހްމާލުން ކަމަށް ގަބޫލް ކުރާ މީހުން ވަރަށް ގިނައެވެ. ހާއްސަކޮށް ރަޝީދުގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި އޭނާ ދޭން ޖެހޭ ފަރުވާ ބަރާބަރަށް ކަރެކްޝަނަލް ސާވިސްއަށް ނުދެވެއެވެ.

ރަޝީދު ނިޔާވެ އަޅުގަނޑުމެންގެ މި ފަނާކުރުވަނިވި ދުނިޔެ އާއި ވަކިވެ ހިނގައްޖެއެވެ. ނަމަވެސް އެހަދާނެއް އަޅުގަނޑުމެންގެ ތެރެއިން ނުދާނެއެވެ.

ޖަލު ގައިދީންނަށް އެކަށީގެންވާ ބޭސް ފަރުވާ ނުދެވޭ ވާހަކަ ދައްކަ ދައްކާ ތިއްބާ ރަޝީދު ނިޔާވެގެން ދިޔައިރު މިއަދުވެސް އެތައް އާއިލާއަކުން ދައްކާ ވާހަކައަކީ ޖަލުގައި ތިބި އެމީހުންގެ އާއިލީ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދޭ ވާހަކައެވެ.

ރަޝީދު ނިޔާވުމާއި ގުޅިގެން އޭނާގެ އަންހެނުން ރާއްޖެ ޓީވީއަށް ދިން އިންޓަވިއުގައި ބުނެފައިވަނީ ރަޝީދު ބަލިވެގެން ފަރުވާ ދިނުމަށް މާލެ ގެނައިކަންވެސް ކަރެކްޝަން ސާވިސްއިން އާއިލާއަށް ނާންގާކަމަށެވެ. އަދި އެކަން އެނގިގެން ހޮސްޕިޓަލަށް ދިއުމުންވެސް ބައްދަލު ކުރެވޭ ގޮތް ނުވިކަމަށެވެ. އެކަމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށް ރަޝީދުގެ އަންހެނުން ވަނީ ބުނެފައެވެ.

ރަޝީދުގެ އަންހެންގެ އެންމެ ބޮޑު ޝަކުވާ އަކީ އާއިލާއަށް ބައްދަލު ކުރި ނުދިންތާ، ޑޮކްޓަރ ހަދަން ދިން ޓެސްޓްވެސް ނެހެދެނީސް އޭނާގެ ފިރިމީހާ މަރުވެގެން ދިއުމެވެ.

"އަޅުގަނޑުމެން އެންމެވެސް ގަބޫލު ކުރަން މަރުވާނެކަން، އެކަމަކު އަޅުގަނޑު މިބުނަނީ ފަރުވާ ނުލިބި ނަޖިސް މުންޑާއިއެކު އޭ އަޅުގަނޑުގެ ފިރިމީހާ މަރުވެގެން ދިޔައީ"

އަބްދުﷲ ރަޝީދަކީ ދީނަށް ލޯބި ކުރާ ދީނުގެ ކަންކަމަށް ފަރުވާ ބަހައްޓާ މީހެއްކަމަށް އޭނާގެ އަންހެނުން ބުންޏެވެ. އަދި ހޮސްޕިޓަލަށް ދިޔައިރު އޭނާގެ މުންޑުގައި ނަޖިސް ހުރުމުން އެބަދަލު ކުރަން އެންގި އެންމެ ބޮޑު ސަބަބަކީވެސް ޠާހިރު ކަން މަތީ އޭނާ ބޭއްވުމަށެވެ.

"އެހާލުގައިވެސް އޭނާ ދުއާކޮށް އަޅުކަން ކުރަން ބޭނުންވިޔަސް އެފުރުސަތުވެސް ނުދީ ނިމިގެން ދިޔައީ" މިއީ ކޮންމެ އިންސާނަކަށް ވެސް ހިތަށް ގެންނަން ފަސޭހަކަމެއް ނޫނެވެ.

ރަޝީދުގެ މާލެ ގެނެސްފައިވަނީ އޭނާގެ ބަލި ހާލަތު ބޮޑުވެގެން ޖަލު ގޮޅިތެރެއަށް އަނބުރައިގަނެގެން ވެއްޓުނު ފަހުން ކަމަށް އެކި ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.

ރަޝީދުގެ އަންހެނުންގެ އެންމެ ފަހު ބަހަކީ މިގައުމުގައި އޮތީ އަންދާ ގާނޫނު ކަމަށާއި މިފަދަ ގާނޫނެއް ބޭނުން ނޫން ކަމަށެވެ.