Last Updated: June 19, 11:00
Friday, June 19, 2026
ސިޔާސީ

ރައީސް ދުބާއީގައި އުޅޭ ދިވެހިންނާ ބައްދަލުކޮށްފި

ރައީސް ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަނީ؛ ފޮޓޯ - ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް ހާލު ބައްލަވައިފިއެވެ.

ރައީސް ޔާމީން ވަނީ ދިވެހިންނާ ބައްދަލުކުރައްވައި ބޭރު ގައުމެއްގައި ދިރިއުޅެމުންދާއިރު ދިވެހިންގެ އަޚުލާގީ ރިވެތި ސިފަތައް މަތީގައި ދެމިތިބުމަށް ހުރިހާ ދިވެހިންނަށްވެސް އިލްތިމާސް ކުރައްވާފައެވެ.

އެންމެ ރަނގަޅު ސަފީރުންނަކީ ގައުމުން ބޭރުގައި ދިރިއުޅުއްވާއިރު އަޚުލާގީ މިންވަރު ހިފަހައްޓައި ދިވެހިންގެ ގަދަރު ނުވެއްޓޭ ގޮތަށް ދިރިއުޅުން ބައްޓަން ކުރައްވާ ބޭފުޅުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދިވެހި ރާއްޖެއިން ޓެރަރިޒަމް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އެއްބާރުލުމުގެ މުހިންމު ކަމަށް އަލިއަޅުވާލައި ވާހަކަ ދައްކަވާފައެވެ.

އަދި ޔޫއޭއީ ފަދަ ގައުމުތަކުން މިސާލު ނަގައިގެން ދިވެހި ރާއްޖޭގައިވެސް އެގައުމުގައި އޮންނަ ފަދަ ފެންވަރު ރަނގަޅު ވިޔަފާރި ބަނދަރެއް ގާއިމުކޮށް ވިޔަފާރީގެ ގޮތުން ކާމިޔާބު ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.