Last Updated: June 19, 11:00
Friday, June 19, 2026
ސިޔާސީ

އެމްޑީޕީގެ އިންތިޚާބުތަކުން ފިލާވަޅު ނަގަން ޖެހޭ: މަހްލޫފް

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުން ރައީސް ޔާމީންގެ ސަރުކާރުން ވާދަވެރިން އިންތިޚާބަށް ފުރުސަތު އޮތުމަކީ މުހިންމު ކަމެއް ކަން ދަސްކުރަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުން ބާރު ސްޕީޑެއްގައި ކެމްޕޭނު ކުރަމުން އަންނައިރު ރައީސް ޔާމީނާ އަންނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ބެލެވޭ އިދިކޮޅު ހުރިހާ ލީޑަރު ވަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރި ދުވަހުން ފެށިގެން ރައީސް ޔާމީނަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އަންނަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

އަދި ދާދި ފަހުން ޖުމުހޫރީ ޕާޓީގެ ލީޑަރު އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ދެއްކި ވާހަކަފުޅަކާ ގުޅިގެން 3 އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.