މިއަދު ހެނދުނު ގއ. ވިލިނގިލީގައި މޫދަށް އެރި އުޅުނު ދެމަފިރިއަކު ގެނބުނު ހާދިސާގައި އެދެމީހުން ސަލާމަތް ކުރުމަށް ދިޔަ ފުލުހަކު އެކްސިޑެންޓްވެ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
ގއ. ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި ނަޒްލީން ނަޖީބް ވިދާޅުވީ އެކްސިޑެންޓްވި ފުލުސް މީހާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުނީ ފުލުސް މީހާ އެކްސިޑެންޓްވީ ހާދިސާ ހިނގި އެރަށު ތުނޑީ ސަރަހައްދަށް ބާރު ސްޕީޑެއްގައި ދަނިކޮށް ސައިކަލެއްގައި ޖެހިގެންނެވެ.
މިހާދިސާގައި ފުލުސް މީހާގެ މޫނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިއަދު ހެނދުނު 11:35 ހާއިރު ވިލިނގިލީ ތުނޑީކޮޅަށް މޫދަށް ގޮސް އުޅުނު ދެމަފިރިންގެ ތެރެއިން މުހައްމަދު ހަނީފް ވަނީ ގެނބިގެން މަރުވެފައެވެ. އޭނާ އަކީ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އައި ފުލުހެކެވެ.