Last Updated: April 16, 14:57
Tuesday, April 16, 2024
ޚަބަރު

މޭން ބުކާ ޕްރައިޒް ޖޯޖް ސޯންޑާސް އަށް

ފޮޓޯ: ރޮއިޓާސް

ޖޯޖް ސޯންޑާސްގެ ވާހަކަ ފޮތް "ލިންކަން އިން ދަ ބާޑޯ" އަށްޓަކައި އޭނާއަށް މޭން ބުކާ އިނާމް ލިބިއްޖެ އެވެ.

އޭނާ އަކީ 50،000 ޕައުންޑްގެ މި އަގުހުރި އިނާމް ލިބުނު ދެވަނަ އެމެރިކާގެ ލިޔުންތެރިޔާ އެވެ.

"ލިންކަން އިން ދަ ބާޑޯ" އަކީ އަބްރަހަމް ލިންކަންގެ ޒުވާން ދަރިފުޅު މަރުވުމާއި ގުޅިގެން އޭނާ ތަހައްމަލް ކުރި ހިތާމައިގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.

މިއީ ސޯންޑާސްގެ އެންމެ ފުރަތަމަ ދިގު ވާހަކައެވެ. މީގެ ކުރިން އޭނާ މަޝްހޫރުވެފައި ވަނީ ކުރު ވާހަކަތައް ލިޔުމަށެވެ.

މޭން ބުކާ އިނާމުގެ ފަނޑިޔާރުން ވަނީ ސޯންޑާސްގެ "އޮރިޖިނަލް" މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފް ކޮށްފައެވެ.

އުމުރުން 58 އަހަރުގެ ސޯންޑާސް އަކީ އެ ޝަރަފްވެރި އިނާމަށް ޝޯޓްލިސްޓް ކުރެވުނު ހަ ލިޔުންތެރިންގެ ތެރެއިން އެކަކެވެ.

އެވޯޑް ލިބިގަތުމަށްފަހު ވާހަކަ ދައްކަމުން ސޯންޑާސް ބުނީ އޭނާއަށް ލިބުނު މި ޝަރަފަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

އެމެރިކާގެ ޓެކްސަސް އަށް އުފަން ސޯންޑާސް މިހާރު ދިރިއުޅެނީ ނިއު ޔޯކް ގައެވެ. މީގެ ކުރިން ސޯންޑާސް އަށް ލިބިފައިވާ އެވޯޑްތަކުގެ ތެރޭގައި ފޯލިއޯ ޕްރައިޒް އާއި ސްޓޯރީ ޕްރައިޒް ހިމެނެއެވެ. "ލިންކަން އިން ދަ ބާޑޯ" އަކީ އޭނާގެ ނުވަ ވަނަ ފޮތެވެ.

ލަންޑަންގެ ގިލްޑްހޯލް ގައި ބޭއްވި ހަފްލާއެއްގައި ސޯންޑާސް އާއި ޓްރޮފީ ހަވާލުކޮށް ދެއްވީ ޑަޗެސް އޮފް ކޯންވޯލް އެވެ.