Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ވިލާ ކޮލެޖް: ގައުމު ބިނާ ކުރުމުގައި 10 އަހަރު

އަމިއްލަ ބަޔަކަށް ފެންވަރު ރަނގަޅު ކޮލެޖެއް ނުހިންގޭނެކަމަށް ބުނެ ބުނެ ތިއްބާ މީގެ 10 އަހަރު ކުރިން އުފެއްދި ވިލާ ކޮލެޖް މިއަދު މިވަނީ ދިވެހި އެތައް ދަރީންނެއް މިފަސްގަޑަށް ދޫކޮށްލާފައެވެ.

ބޮޑެތި އުނދަގޫ އެތައް ގޮންޖެހުމަކާއި ކުރިމަތިލި ވިލާ ކޮލެޖް މިއަދު މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ދިވެހި ދަރީން އަމިއްލަ ވަޒަނުގައި ތިބެގެން ބައިނަލްއަގްވާމީ ޔުނިވާސިޓީގެ ސަނަދު ހޯދައިފިއެވެ. އަދި މިހާރުވެސް ދަނީ ހޯދަމުންނެވެ.

ވިލާ ކޮލެޖަށް 10 އަހަރު ފުރުން ފާހަގަކުރުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ފާހަގަ ކުރެއްވި އެންމެ ބޮޑު ކަމަކީ އަމިއްލަ ފަރާތަކުން ފެށި މި ބިޔަ މަސައްކަތް ކުރުމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެވެ، ނަމަވެސް ވިލާ ކޮލެޖުން މިއަދު މިވަނީ އެ ގޮންޖެހުން ކަޑައްތުކޮށް ކާމިޔާބީތައް ހޯދާފައެވެ.

60 ދަރިވަރުންނާއި އެކު މީގެ 10 އަހަރު ކުރިން ފެށި މި ކޮލެޖުން މިހާތަނަށް 5000 އަށް ވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓްވެފައިވާ އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދުވެސް 3000 އަށް ވުރެ ގިނަ ދަރިވަރުން ވިލާ ކޮލެޖްގެ އެކި ކެމްޕަސް ތަކުގައި ދަނީ ކިޔަވަމުންނެވެ.

ވިލާ ކޮލެޖްގެ އެންމެ ހާއްސަ ކަމަކީ ބައިނަލްއަގްވާމީ ފެންވަރު ރަނގަޅު ކޯސްތައް އެ ކޮލެޖުން ހިންގުމެވެ. އެގޮތުން މިހާރުވެސް 60 އަށް ވުރެ ގިނަ ޕްރޮގްރާމް ދަނީ ހިންގަމުންނެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ރާއްޖޭގެ ރައްޔިތުންނަށް މަތީ ތައުލީމް އުނގެނުމުގެ ފުރުސަތު ހޯދައި ދިނުމަށް އުފެއްދި މި ކޮލެޖަކީ ސިޔާސީ ނުފޫޒުުން އެއްކިބާވެ، ތައުލީމީ ގާބިލް ހިންގުންތެރިންގެ އަތްމައްޗަށް އެއްކޮށް ދޫކޮށްލާފައިވާ ކޮލެޖެކެވެ. ކޮލެޖްގެ ވެރިންގެ ވެސް އެންމެ ބޮޑު ހިތް ހަމަ ޖެހުމަކީ މި ތަން ސިޔާސީ ކަންކަމުން ދުރުވެފައި ވުމެވެ.

މިއަދު ކޮލެޖްގެ އަމާޒު ހުރީ ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ޔުނިވާސިޓީއަށް ވުމެވެ. ރާއްޖެ ބިނާ ކުރުމުގައި ވިލާ ކޮލެޖުގެ ފާއިތުވި 10 އަހަރަކީ އަގުހުރި 10 އަހަރެވެ.