Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އެމްޑީޕީގެ މެމްބަރުންނާ ނަޝީދު ލަންކާގައި ބައްދަލުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ލަންކާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެގައުމުގައި ދިރިއުޅޭ ބައެއް އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވުމަށްފަހު ދޭތެރެ ދޭތެރެއިން ނަޝީދު ވަނީ ލަންކާއަށް ދަތުރުކުރައްވައި ސިޔާސީ މަޝްވަރާތައް އެގައުމުގައި ހިންގަވާފައެވެ.

މިފަހަރުވެސް ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން އެމްޑީޕީގެ ބައެއް އިސް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ.

ރައީސް ނަޝީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް އަންގައިފިނަމަ ލަންކާގެ މަގުތަކަށް ނިކުމެ އަމިއްލައަށް ހައްޔަރުކޮށްގެން ގެންނާނެ ކަމަށް ދާދި ފަހުން ރާއްޖެއިން ލަންކާއަށް ކަނޑައެޅުނު ސަފީރު މުޙައްމަދު ހުސެއިން ޝަރީފް(މުންދު) ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވަނީ މީގެ ކުރިން އެތައް ފަހަރެއް މަތިން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެނބުރި ވަޑައިގަތުމުން ހައްޔަރު ކުރިޔަސް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ މެމްބަރުންނަށް އެމަނިކުފާނު ވަނީ އަރުވާފައެވެ.