Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް އައްޑު އަށް އަތުވެއްޖެ

އަންނަ ހޮނިހިރު ދުވަހު ކުޅެން ހަމަޖެހިފައިވާ ހާއްސަ ފުޓްބޯޅަ މެޗަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމް މިއަދު ހެނދުނު އައްޑު އަށް އަތުވެއްޖެ އެވެ.

"ޓުވާޑްސް ފިއުޗާ" ނަމުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަށާފައިވާ ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯދުމުގެ ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމް ބައްދަލު ކުރާނީ އައްޑޫން ހޮވާލެވުނު 19 އަހަރުން ދަށުގެ ޓީމާ އެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމް މިއަދު އައްޑު އަށް އައުމުން އެ ޓީމަށް ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ޓީމާ އެކު 24 ކުޅުންތެރިންނާއި ހަތް އޮފިޝަލުން އައިސްފައިވެ އެވެ. ގައުމީ ޒުވާން ޓީމްގެ ކޯޗަކީ އިހްސާން އަބްދުލް ޤަނީ (ސާންތި) އެވެ.

ގައުމީ ޓީމްގެ ޕްރެކްޓިސް މިއަދު ހަވީރު ހިތަދޫ ޓާފްގައި ފަށާ އިރު އައްޑޫ ޒުވާން ޓީމްގެ ފަރިތަ ކުރުންތައް އޮންނާނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގަ އެވެ.

އެޕްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ތުރުކީ ޖޭ ވަންލީގެ އިރުޝާދުގެ ދަށުން އައްޑޫ ޓީމް ފަރިތަ ކުރަމުން އަންނަތާ 12 ވަރަކަށް ދުވަސް ވަނީ ވެފަ އެވެ. އައްޑޫ ޓީމްގެ ކޯޗިން ޓީމްގައި ހިމެނޭ މަޝްހޫރު ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ މެޗްގައި އައްޑޫ ޓީމްގެ ފަރާތުން ހުނަރުވެރި މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށެވެ.

މި މެޗް ބެލުމަށް އައްޑޫ ސްޓޭޑިއަމަށް ވީހާ ވެސް ގިނަ ބަޔަކު ދިއުމަށް އެފްއޭއެމުން އެދެ އެވެ.