Last Updated: April 20, 11:14
Saturday, April 20, 2024
ކުޅިވަރު

ޕެރިހާއި ބެޔާނަށް ފަސޭހަ މޮޅެއް، ޗެލްސީއަށް ޕޮއިންޓެއް

ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗުތައް ބެޔާން މިއުނިކާއި ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ ކާމިޔާބުކޮށްފިއެވެ. ޗެލްސީއާއި ރޯމާ ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ.

ޕީއެސްޖީ އަދި އެންޑަލެޓް ބައްދަލުކުރި މެޗު ޕީއެސްޖީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައިވަނީ 0-4 އިންނެވެ. އެމްބާޕޭ، ކަވާނީ، ނޭމާ އަދި ޑިމަރިއާގެ ލަނޑުތަކުން ޕީއެސްޖީއަށް ތިން ޕޮއިންޓު ކަށަވަރުވެފައިވާއިރު ޕީއެސްޖީ އޮތީ ކުޅުނު ތިން މެޗުން މޮޅުވެ ގްރޫޕުގެ އެއްވަނައިގައެވެ.

ބެޔާން މިއުނިކް ސެލްޓިކް 0-3 އިން ބަލިކޮށް ގްރޫޕުގެ ދެވަނައިގައި އޮތީ 6 ޕޮއިންޓު ލިބިގެންނެވެ. ރޭގެ މެޗުގައި ބެޔާންއަށް ގޯލު ޖަހާދީފައިވަނީ މުލާ، ކިމިޗް އަދި ހަމެލްސްއެވެ.

ޗެލްސީއާއި ރޯމާ ކުޅުނު ފޯރިގަދަ މެޗު އެއްވަރުވިއިރު މެޗުގެ ފުރަތަމަ ދެ ގޯލު ޖަހާފައިވަނީ ޗެލްސީންނެވެ. ލުއިޒް އަދި ހަޒާޑްގެ ދެގޯލުން ޗެލްސީ ލީޑުގައި ވަނިކޮށް ރޯމާއިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހާފައެވެ. ކޮލަރަވްގެ އިތުރުން ޒެކޯގެ ދެލަނޑާއެކު ރޯމާ ކުރީގައި އޮތްވާ 75 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައިވަނީ ހަޒާޑުއެވެ.

ގްރޫޕު އޭ ގައި މެން ޔުނައިޓެޑާއި ބެންފީކާ ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބުކޮށް ޔުނައިޓެޑު ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. މި ގްރޫޕުގައި ބޭސެލް އަދި މޮސްކޯ ކުޅުނު މެޗު 0-2 އިން ކާމިޔާބުކުރީ ބޭސެލްއެވެ. ގްރޫޕުގެ ދެވަނައިގައި ބޭސެލް އޮތީ ކުޅުނު ތިން މެޗުން ދެ މެޗު ކާމިޔާބުކޮށްގެންނެވެ.

ބާސާ އަދި އޮލިމްޕިއާކޮސް ބައްދަލުކުރި މެޗު 1-3 އިން ބާސާ ވަނީ ކާމިޔާބުކޮށްފައެވެ. އޮލިމްޕިއާކޮސްގެ ނިކޮލާއ އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ބާސާއިން ލީޑު ނަގާފައިވާއިރު އަނެއް ދެ ގޯލަކީ މެސީ އަދި ޑިގްނޭ ކާމިޔާބުކުރި ދެގޯލެވެ. އޮލިމްޕިއާކޮސްގެ ހަމައެކަނި ލަނޑަކީ ނިކޮލާ ކާމިޔާބުކުރި ލަނޑެކެވެ.