Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ޑީސަލްގެ މައްސަލާގައި ފެނަކައިގެ އިސްވެރިއަކަށް ދައުވާ ކުރަނީ

ފެނަކައިގެ ކުރީގެ އިސްވެރިން

ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ޑީސަލް ބޮޑު އަގުގައި ގަތް މައްސަލައަކާއި ގުޅިގެން އެކުންފުނީގެ ކުރީގެ އިސްވެރިއެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ދައުވާ ކުރަން ފޮނުވާފައިވަނީ ފެނަކައިގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރެއްގެ މައްޗަށެވެ.

ޑީސަލް ބޮޑު އަގުގައި ގަތް މައްސަލަ އާއި ގުޅިގެން އެންޓި ކަރަޕްޝަން ކަމިޝަނުން މައްސަލަ ބެއްލުމަށްފަހު ދައުވާ ކުރަން އޭސީސީން ނިންމީ އެ މުއާމަލާތާއި ގުޅިގެން ކުންފުންޏަށް 1،027370 ރުފިޔާގެ ގެއްލުން ވެފައިވާތީ އެ ފައިސާ ހޯދުމަށެވެ.

އޭސީސީން ބުނީ އެސްޓިއޯ މެދުވެރިކޮށް ޑީސަލް ގަތުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް ނިންމާފައިވަނިކޮށް ވަކި މީހަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ޑީސަލް ގަނެފައިވަނީ އަގު ބޮޑުކޮށް ކަމަށެވެ. އެގޮތުން 2016 ޖެނުއަރީ 4 ވަނަ ދުވަހުން ފެށިގެން އޮގަސްޓު 15 އާއި ހަމައަށް ދެކުނުގެ ހަތަރު އަތޮޅާއި، ދ.ކުދަހުވަދޫއާއި، ހދ.ކުޅުދުއްފުއްޓަށް ބޭނުންވާ ޑީސަލު ގަނެފައިވަނީ އެފްއެސްއެމްއަށް ވުރެ އަގުބޮޑުކޮށް އަމިއްލަ ކުންފުންޏަކުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ޑީސަލް ގަތުމަށް ފެނަކައިން 2014 އަދި 2015 ހިންގާފައިވާ މުޢާމަލާތުން 21.86 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.