Last Updated: April 24, 11:36
Wednesday, April 24, 2024
ކުޅިވަރު

ކޮންޓޭގެ ފާޑުކިޔުންތައް މޮރީނިއޯ އަށް

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ޖޯސޭ މޮރީނިއޯ އުޅެނީ ޗެލްސީއާ "ޖައްސާލައިގެން" ކަމަށް ބުނެ ކޯޗު އެންޓޯނިއޯ ކޮންޓޭ، މޮރީނިއޯއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ރޭ ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ރޯމާ ބައްދަލުކޮށް މެޗު އެއްވަރުވެ، މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ކޮންޓޭ ބުނެފައިވަނީ މޮރީނިއޯއަށް މާ ބޮޑަށް ޗެލްސީއާ މެދު ވިސްނޭ ކަމަށެވެ.

މިދިޔަ ސީޒަނުގައި ވެސް އެކަން އެގޮތަށް ދިމާވި ކަމަށާއި އޭނާގެ އަމިއްލަ ކުލަބަށް އިސްކަން ދޭން ޖެހޭ ކަމަށް ކޮންޓޭ ބުނެފައިވެއެވެ.

ކޮންޓޭ މިހެން ބުނެފައިވަނީ ޖޯސޭގެ ކުރީގެ އިންޓަވިއުއެއްގައި އިނގިރޭސި ބައެއް މެނޭޖަރުން އަނިޔާގެ ކުޅުންތެރިންނަށް އަނިޔާވުމުން ޝަކުވާ ކުރާ ކަމަށާއި އޭނާއަކީ އެކަމާ ޝަކުވާ ކުރާ ކޯޗެއް ނޫން ކަމަށެވެ. ނަމަވެސް މޮރީނިއޯ ވަނީ އެއްވެސް މެނޭޖަރެއް ނުވަތަ ކުލަބެއްގެ ނަން ހާމަނުކޮށްފައެވެ.

ކޮންޓޭ ވަނީ ސުވާލުކުރި ނޫސްވެރިޔާގެ ކައިރިން މޮރީނިއޯ ދައްކަނީ އޭނާގެ ވާހަކަތޯ ސުވާލުކޮށްފައެވެ. ކޮންޓޭގެ ރުޅި ކޮންޓްރޯލް ނުވެ ދިޔައީ ނޫސްވެރިޔާ އޭނާއަށް ފެންނަ ގޮތުގައި މޮރީނިއޯ ދައްކާފައިވަނީ ކޮންޓޭގެ ވާހަކަ ކަމަށް ބުނުމުން ކަމަށް ބެލެވެއެވެ.