Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ދަގަނޑޭ އަށް ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި

ރާއްޖޭގެ ފުޓުބޯޅަ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ގައުމީ ކެޕްޓަން އަލީ އަޝްފާގާއި ދެކޮޅަށް މަދަނީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށް ހުކުމްކޮށްފިއެވެ.

މަދަނީ ކޯޓުން ވަނީ އަޝްފާގާ ދެކޮޅަށް ހުށައެޅުނު ދަރަނީގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށްބުނެ 1.4 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ.

މީގެ ދެއަހަރު ކުރިން މަދަނީ ކޯޓުން އަޝްފާގާއި ދެކޮޅަށް ހުކުމް ކޮށްފައިވަނީ އޭނާގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގެ ދެ ފަންގިފިލާ ހެދުމަށް ވީބީ ސްޕޯޓްސް ކުލަބާއި އަޝްފާގު ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 1.4 މިލިއަން ރުފިޔާ ދައްކާފައިނުވާތީ އެފައިސާ ދެއްކުމަށެވެ.

ކޯޓުން އެފަހަރު ހުކުމް ކޮށްފައިވަނީ އަލީ އަޝްފާގާއި ވީބީ ސްޕޯޓްސް ކުލަބުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ދައްކަން ޖެހޭ 1.4 މިލިއަން ރުފިޔާގެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ނަމަވެސް އަޝްފާގުގެ ފަރާތުން ސިވިލް ކޯޓުން ކުރި ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދަގަނޑޭގެ ވަކީލުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފްކޮށްފައިވަނީ އެފައިސާއަކީ އޭނާ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށާއި އެއީ ވީބީ ސްޕޯޓްސް ކުލަބުން ދައްކަން ޖެހޭ ފައިސާ ކަމަށް ބުނެއެވެ.

އަޝްފާގުގެ ވަކީލުން ވަނީ އޭނާ އެފައިސާ ނުދައްކައިފިނަމަ ވީބީ ސްޕޯޓްސް ކުލަބުން އެފައިސާ ދައްކަން ޖެހޭ ކަމަށް، ދެފަރާތުގެ ދެމެދުގައި ހެދުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަން ފާހަގަކޮށްފައެވެ. ނަމަވެސް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކުލަބުން އެފައިސާ ދައްކަން އެއްބަސްވެ ސޮއިކޮށްފައިވަނީ ފައިސާ ދެއްކުމަށް އަޝްފާގު ނުކުޅެދުންތެރި ވެއްޖެ ހާލަތެއްގައި އެކަނި ކަމަށެވެ.

އަދި ހައިކޯޓުން މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ފައިސާ ދެއްކުމުން އަޝްފާގަށް ބަރީއަ ނުވެވޭނެ ކަމަށް ހުކުމްކޮށްފައިވެއެވެ. އޭނާ އެފައިސާ ނުދައްކައިފިނަމަ ޔޫމެޓް ކޮންސްޓްރަކްޝަނަށް އެއިމާރާތުގެ ދެފަންގިފިލާއެއް ނަގައި، އޭގެ ކުލި ހޯދުމަށް އެއްބަސްވުމުގައި އޮތް ނަމަވެސް، މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ އެކަން އެގޮތަށް ކުރެވޭނީ އަޝްފާގުގެ އެއްބާރުލުން ލިބިގެންކަން ފާހަގަކޮށްފައެވެ.