ގއ. ވިލިނގިލީގައި ދެ މަފިރިއަކު ގެނބިގެން އެމީހުން ސަލާމަތް ކުރުމަށް ދަނިކޮށް އެކްސިޑެންޓްވި ފުލުސް މީހާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށް އައިޖީއެމްއެޗްއިން ލަފާދީފިއެވެ.
ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ލާންސް ކޯޕްރަލް އަހުމަދު ނަދީމު ބާރު ސްޕީޑެއްގައި ތުނޑީކޮޅަށް ދަނިކޮށް އެކްސިޑެންޓް ވެފައިވަނީ 18 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލެއްގައި ޖެހިގެންނެވެ. މިހާދިސާގައި ނަދީބްގެ މޫނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.
ނަދީމަށް ގއ. ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ރޭ ވަނީ މާލެ ގެނެސް އައިޖީއެމްއެޗްއިން ފަރުވާ ދޭން ފަށާފައެވެ.
އައިޖީއެމްއެޗުން ބުނީ ނަދީމް ބޮލަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ސީޓީ ސްކޭން އެއް ހަދާފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވަން ލަފާދީފައިވާ ކަމަށެވެ.
އިއްޔެ ހިނގި ގެނބުމުގެ ހާދިސާގައި ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރި ކޮންސްޓަބްލް މުހައްމަދު ހަނީފް ވަނީ ނިޔާވެފައެވެ.