Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އައްޑޫގެ ތަރައްގީ އަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފިން: ރައީސް

މި ސަރުކާރުން އައްޑޫގެ ތަރައްގީގެ އެކި ކަންކަމަށް މިހާތަނަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅިވެއްޖެ އެވެ.

"ތައްޔާރު" ގެ ނަމުގައި މިރޭ މާލޭގައި ބާއްވާ ޖަލްސާގައި ރައީސް ވިދާޅުވީ އެއްވެސް ސަރުކާރަކުން މިހާތަނަށް އައްޑޫގެ ތަރައްގީ އަށް އެ ވަރުގެ ހޭދައެއްކޮށްފައި ނުވާ ކަމަށާއި މިއީ ރާއްޖޭގެ އެންމެ އަތޮޅަކަށް މިހާ ބޮޑު ހަރަދެއް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް ބޮޑެތި މަޝްރޫއުތައް ސަކާރުން ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން ފޭދޫގެ ބިން މިހާރު ހިއްކާފައިވާ އިރު، އެ ބިމުގައި ވަރަށް އަވަހަށް ހައުސިން ޔުނިޓް އެޅިގެން ދާނެ ކަމަށް ވިދާޅުވި އެވެ. އަދި އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމާއި ފެނާއި ނަރުދަމާ އާއި މަގުތައް ހެދުމާއި ކުންފުނިތަކުން ކުރަމުން އަންނަ އެހެން ގިނަ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އަދި ގަން އެއާޕޯޓް އޮތީ އިންޓަނެޝަނަލް ފެންވަރަށް ތަރައްގީ ކުރެވިފައި ކަމަށް ވިދާޅުވި އެވެ.

"އައްޑު އަތޮޅުގައި ތަރައްގީގެ މަޝްރޫއުތަކެއް އެބަ ހިނގާ. އެ މަޝްރޫއުތައް ހިނގާތީ، އަދި އިތުރު މަޝްރޫއުތަކަކަށް ފެންބޮވައިގަނެފައި ތިބެއްޖެ ކަމަށް ވަންޏާ ކުރަން ޖެހޭނެ ސުވާލަކީ ނާނާ، ދެން ހުރި ކަންކަން މި ރައީސް ޔާމީނަށް ކުރެވޭނެބާއޭ. ޝައްކެއް ނެތް އެކަން ވެސް ފުއްދާނީ މި ސަރުކާރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އައްޑޫގެ ރައްޔިތުން މި ފަހުން އެންމެ ކަންބޮޑު ކަމަކީ ކަރަންޓް ކެނޑޭ މައްސަލަ ކަމަށް ވިޔަސް، އެއީ ހަމައެކަނި އައްޑު އަށް ދިމާވެފައި އޮތް މައްސަލައެއް ނޫނެވެ. އަދި އައްޑޫން ކަރަންޓް ކެނޑެނީ މި ސަރުކާރު އައި ފަހުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ބާރު ލައްވާފައި މިއަދު އައްޑޫން ކަރަންޓުގެ ވާހަކަ ދައްކާ މީހުންނަށް އަޅުގަނޑު އަހާލަން ބޭނުން ވަނީ އެ ބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު ކީއްވެގެންތޯ އައްޑޫގެ ރައްޔިތުން ފެންވަރައި ހިނަވައި ހުރިހާ ކަމެއް ކުރަން ބޭނުންވާ މިންވަރަށް ކަރަންޓް ގާއިމްކޮށް ނުދެއްވީ،" ރައީސް ވިދާޅުވި އެވެ.

އައްޑޫގެ ތަރައްގީގެ ވާހަކަ ދައްކަމުން ރައީސް ވިދާޅުވީ އެ މަނިކުފާން އެންމެ އުފާވާނެ އެއް ސުވާލަކީ "އައްޑޫގެ ހިތަދު އާއި މީދުއާ ދޭތެރޭ ބްރިޖް އެޅިދާނެތޯ ސުވާލުކޮށްފި ނަމަ" ކަމަށެވެ.