ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ހއ. އުތީމު ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށްޓަވައި ދެއްވައިފި އެވެ.
އެ ރަށު ބަނދަރު ހެދުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި އިއްޔެ ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި، ބަނދަރުގެ މަސައްކަތް ރައީސް ރަސްމީކޮށް ފަށްޓަވައި ދެއްވުމަށް ފަހު، އުތީމު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މިއަދަކީ އުތީމުގެ ރައްޔިތުންނަށާއި އަދި ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ދުވަހެއްކަން ފާހަގަ ކުރެއްވި އެވެ.
އަދި ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވުމުގައި އުތީމުގެ ލޮބުވެތި ދަރިން ވެވެޑައިގެންފައިވާ މަތިވެރިި ޤުރުބާނީގެ މަތިން މި އުފާވެރި ދުވަހު ހަނދާން ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
މި އިފްތިތާޙު ކުރެވުނު މަޝްރޫޢުގެ ސަބަބުން، އުތީމު ރައްޔިތުންނަށް އަމާންކަމާ އެކު އުތީމުން ފުރައިގެން ގޮސް، އެނބުރި އުތީމަށް އައުމުގެ މިނިވަންކަން ލިބިގެން ދާނެ ކަމަށާއި، މި ބަނދަރުގެ ސަބަބުން، ﷲގެ އިރާދަފުޅުން އުތީމު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި "އުތީމަށް އެންމެ މަތީ ޚިދުމަތް ކޮށްދޭ ފަރާތަކަށް އުތީމު ރައްޔިތުންގެ ފަރާތުން އެރުވޭ އެންމެ މަތީ ޝަރަފު" ގެ ހަނދާނީ އައްޑަނަ، ރައީސް ޑރ. މުޙަންމަދު ވަޙީދަށް އެރުވި އެެވެ.
އުތީމު ރައްޔިތުންގެ ފަރާތުން މި އައްޑަނަ ރައީސަށް އެރުވީ، އުތީމު ކައުންސިލުގެ ރައީސް އަސްރާރު އާދަމެވެ.