Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

އީސީސީއަކީ އިގުތިސާދީ ޖަރީމާއެއް، ބޭކާރު ހަރަދެއް: ރައީސް

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަކީ އިގުތިސާދީ ބޮޑު ޖަރީމާއެއް ކަމަށާއި އެތަނުން އައްޑު އަށް މިހާތަނަށް ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

"ތައްޔާރު" ގެ ނަމުގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އީސީސީ އިމާރާތް ކުރަން ހޭދަ ކުރި ފައިސާ އިން އައްޑޫގައި އެއަށް ކުރަން އެއަަށް ވުރެ މުހިއްމު ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާ ފަދަ ކަންކަމަށް އެ ފައިސާ ހޭދަ ކުރި ނަމަ އައްޑޫ ރައްޔިތުންނަށް މާ ރަނގަޅުވީސް ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް ބޮޑު ހަރަދެއްކޮށްގެން ހެދި އިމާރާތަށް ކުރީ ބޭކާރު ހަރަދެއް ކަމަށް ވިދާޅުވި އެވެ.

"ސާކް ސަމިޓު ނިމުނު ފަހުން އަޅުގަނޑު އައްޑު އަތޮޅު ރައްޔިތުންނާ އަދި އެމްޑީޕީގެ ބޭފުޅުންނާ ކޮށްލަން ބޭނުންވާ ސުވާލަކީ، އެ ކޮންވެންޝަން ސެންޓަރުގެ އެއްވެސް ބޭނުމެއް ހިފުނުތޯ. އެތަކެއް ސަތޭކަ މިލިއަން ތަޅާލެވުނު، އުކާލެވުނު ޖަލްސާއެއް ބޭއްވުނީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާން ވިދާޅުވީ އީސީސީގައި އަޅައި، ގަނބަމުން ދަނިކޮށް އެތަން ބޭނުން ހިފޭނެ ގޮތަކަށް ހަދައި ދެނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ދާ އިރު، އެ އިމާރާތުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމު ކުރެވިފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.