Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ގަމުގައި ހަދާ ސިޓީ ހޮޓަލަށް 50 މިލިއަން ޑޮލަރު ހޭދަވާނެ: އޭއައިއޭ

މޯލްޑިވިއަންގެ އެއަބަސް ބޯޓުގައި ފަތުރުވެރިން ގަމަށް ފައިބަނީ. އައްޑޫލައިވް ފައިލް ފޮޓޯ: ޝަރަފް

ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ގަމުގައި ހަދާ ފަސް ތަރީގެ ސިޓީ ހޮޓަލަށް 50 މިލިއަން ޑޮލަރުވަރު ހަރަދުވާނެކަމަށް އައްޑޫ އިންޓަނޭޝަން އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެފި އެވެ.

އޭއައިއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަމުގައި ހަދާ 150 ކޮޓަރި ނުވަތަ 300 އެނދުގެ ހޮޓެލްގެޓޮފެގްރެފިކް ސާވޭ ނިމި ކޮންސެޕްޓް ޕްލޭނާއި ފައިނޭންޝަލް ފީޒިބިލިޓީ ހަދައި ނިމިފައިވާ ކަމަށެވެ.

30 މޫދު ކޮޓަރި އާއި 60 ބީޗް ވިލާ އާއި 30 ކޮޓަރީގެ ދެ ގެސްޓްރޫމް ކޮމްޕްލެކްސް ހިމެނޭ މި ހޮޓެލްގެ މަސައްކަތް ފަށާނެ ތާރީހެއް އޭއައިއޭގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

މީގެ އިތުރުން ވެސް 100 މީޓަރުގެ ސްވިމިން ޕޫލަކާއި ރެސްޓޯރަންޓާއި ބާ އާއި ރޫފް ޓޮޕް ފިޓްނެސް ސެންޓަރަކާއި ސްޕާއަކާއި 200-300 ދެމެދުގެ ކެޕޭސިޓީގެ ކޮންފަރެންސް ސެންޓަރެއް ވެސް ހޮޓެލްގައި ހިމެނޭނެ ކަމަށް އޭއައިއޭ އިން ބުންޏެވެ.

ގަމުގައި ސިޓީ ހޮޓަލެއް އެޅުމުގެ ވާހަކަ އޭއައިއޭއިން އެންމެ ފުރަތަމަ ދެއްކީ އޮގަސްޓް 17، 2016 ގަ އެވެ. ގަން އެއާޕޯޓް ކުންފުނީގެ މާކެޓިން މެނޭޖަރ ފާޠިމަތު ޒުބްނާ އެދުވަހު ވިދާޅުވީ ގަމުގައި ހަދަނީ ހަތަރު ތަރީގެ ހޮޓަލެއް ކަމަށާއި އެކަމަށް 50 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.

މިއީ އޭއައިއޭ އިން އެއް ވާހަކަ އެއް ދެއްކި ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް އޭއައިއޭއިން ވަނީ ޑިޒައިން މަސައްކަތް ނިމި ފައިނޭންސް ހަމަޖައްސަމުންދާ ކަމަށް ވިދާޅުވެފައެވެ.

ގަން އެއާޕޯޓް ތަރައްޤީ ކުރާ ވާހަކަ އޭއައިއޭއިން ދައްކާއިރު އެ މަޝްރޫއު ކުރިއަށްދަނީ "މުސްކުޅި ސާރިދޯޅި"އެއްގެ ސްޕީޑްގައިކަން އައްޑޫ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގެއެއެވެ.