Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

އައްޑޫ ޒުވާން ޓީމް، ތަރިން ގިނަ

މާދަމާ ހަވީރު ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމާއި އައްޑޫން ހޮވާލެވޭ 19 އަހަރުގެ ޒުވާން ޓީމު ކުޅޭ މެޗަކީ އެތައް ގޮތަކުންވެސް ތާރީހީ މެޗެކެވެ.

ދިވެހި ފުޓްބޯޅަ ފުޓްބޯޅައަކަށް ހެދީ އައްޑޫ ކުޅުންތެރިންނެވެ. އެކަން ފުޓްބޯޅަ އާއިލާ ދަންނާނެއެވެ. މަޝްހޫރު ޑީއެންސީ ކްލަބާއި އުދުހޭ މުފީދުން ފެށިގެން މަޝްހޫރު ކުޅުންތެރިޔާ ބޮންޑާ، ބަކާ އަދި އައްމަޓީ އަކީ ދިވެހިން ފަރިތަ ނަން ނަމެވެ. ގައުމީ ފުޓްބޯޅަ ޓީމް ހޯދާފައިވާ ރަންވަނަތަކާއި ކްލަބް ލެވެލްގައި ހޯދާފައިވާ ގިނަ ކާމިޔާބީ ތަކުގައި އައްޑޫ ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ހުނަރުވެރި ކުޅުންތެރިން ހޯދަން ފެށި މަސައްކަތުގައި އެންމެ ފުރަތަމަ މަންޒިލަކަށް އައްޑޫ އިހްތިޔާރު ކުރީ އެހެންވެއެވެ.

އައްޑޫ ހޮވާލެވުނު ޒުވާން ޓީމްގެ ފަރިތަ ކުރުންތައް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ ޖޭ ވަންލީގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާއިރު ހުނަރުވެރި ޒުވާން މޮޅު ކުޅުންތެރިން ޓީމުގައި ވަނީ ހިމެނިފައެވެ. މި ކުޅުންތެރިންނަކީ އައްޑޫގެ މުސްތަގްބަލެވެ. އައްޑޫއަށް ކުރިމަގުގައި ރީތި ނަން ހޯދައިދޭނެ ކުޅުންތެރިންނެވެ. އެކުޅުންތެރިންގެ ހުނަރު މާދަމާ އައްޑޫ ސްޓޭޑިއަމްގައި ދައްކައިދޭނެއެވެ. އަޅުގަޑުމެން ކުޅިވަރު ސަޕޯޓަރުން ޖެހެނީ ދަނޑަށް ވަދެ އެކުޅުންތެރިންނަށް ސަޕޯޓް ދޭށެވެ.

ޓީމުގައި ހިމެނޭ ޒުވާން ތަރިން:

1- ހާޒިމް ފައުޒީ

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުން ވިދާލި ހާޒިމް ފައުޒީ އަކީ ގިނަ ކޯޗުން ގަބޫލް ކުރާ ގޮތުގައި މިވަގުތު އައްޑޫގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. މެދުތެރެއަށް ކުޅޭ މި ކުޅުންތެރިޔާ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ބޯޅަ ކޮންޓްރޯލްކޮށް މެދުތެރެ ހިފަހައްޓައި ޓީމް ލައްވާ ކުޅުވާ ކުޅުންތެރިއެއްގެ ގޮތުގައެވެ. ފިޒިކަލް ވަރުގަދަ ކުޅުންތެރިއެކެވެ. 19 އަހަރުން ދަށުގެ އައްޑޫ ޓީމްގެ މެދުތެރެ ބެލެއްޓުމުގެ ޒިއްމާ އެންމެ ބޮޑަށް އަދާ ކުރާނެ ކުޅުންތެރިއަކީ ހާޒިމްއެވެ.

2- މިރާހް (މިރިޓީ)

މިރިޓީ، 11 ނަންބަރ ޖޯޒީގައި،މެދުގައި ސަޔަމް އަދި 9 ނަންބަރ ޖާޒީގައި ދާނިޝް

ޝަރަފުއްދީން ސްކޫލު ޓީމުން ވިދާލި މިރާހު ނުވަތަ މިރިޓީ އަކީވެސް އައްޑޫ ޓީމުން ފެންނާނެ އުއްމީދީ ޒުވާން ކުޅުންތެރިއެކެވެ. މަޑުމައިތިރި މި ކުޅުންތެރިއާ އަކީ ވެސް ބޯޅަ ގެންގުޅުމުގައި ހުނަރުގެ ގޮތުން މޮޅު ކުޅުންތެރިއެކެވެ. ގިނަ ކޯޗުން ބުނާ ގޮތުން މިރިޓީއަކީ ހަމަޖެހިގެން ވަރަށް ސްޓައިލްގައި ކުޅޭ އެޓޭކިން ކުޅުންތެރިއެކެވެ. މިރިޓީ ވަނީ އިންޓަ ސްކޫލް މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ނިމިގެން ދިޔަ މިނިވަން 50 މުބާރާތުގައި ހިތަދޫ ޓީމަށް ކުޅެފައެވެ.

މިރިޓީއަށް ފުރަތަމަ ޑިވިޝަން ޔުނައިޓެޑް ވިކްޓްރީން ޖާގަ ލިބި އެޓީމްގެ ފަރިތަ ކުރުންތަކުގައިވެސް ބައިވެރިވިއެވެ. ނަމަވެސް މާލޭގައި ހުރުމުގެ ބައެއް ކަންކަން ހަމަނުޖެހުމުން އެނބުރި ރަށައް ވަނީ ބަދަލުވެފައެވެ. ކޯޗު ވަންލީގެ ލޯ އަމާޒުވި ކުޅުންތެރިއެކެވެ.

3- އައިކް

އިރުޝާދިއްޔާ ސްކޫލްގެ ފޯވާޑަކަށް ކުޅުނު އައިކަކީ މިވަގުތު އައްޑޫގައި ހުރި އެންމެ މޮޅު ފޯވާޑެވެ. ސްޕީޑް ބާރު މިކުޅުންތެރިޔާ އަކީ ނިމިގެން ދިޔަ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެކެވެ. އައިކު އަކީ ޑިފެންޑަރުންނަށް ހިފަހައްޓާލަން އުނދަގޫ، ގޯލާއި ރައްޓެހި ހުނަރުވެރި ކުޅުންތެރިއެކެވެ.

19 އަހަރުން ދަށުގެ ގައުމީ ޓީމަށް ނެގި އައިކުވަނީ އެނބުރި އައްޑޫއަށް އައިސްފައެވެ.

4- ސަޔަމް ސައީދު

ސަޔަމް އަކީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ތަށި އުފުލާލި ޓީމުގައި ހުނަރުވެރި ކުޅުމެއް ދެއްކި އައްމަޓީގެ ދަރިއެކެވެ. ބައްޕަ އަރިމަތިން ފަހަތަށް ކުޅޭއިރު ސަޔަމް އަކީ އަރިމަތިން ފޯވާޑަކަށް ކުޅޭ ކުޅުންތެރިއެކެވެ. ފޭދޫ ސްކޫލު ޓީމުން ވިދާލި ސަޔަމްއަކީ އައްޑޫގެ ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިއާއެވެ.

ނިމިގެން ދިޔަ މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައްޕަ އައްމަޓީ އާއިއެކު ސަޔަމް ވަނީ ފޭދޫ ޓީމަށް މިނިވަން 50 ތަށި އުފުލާދީފައެވެ. އެ މުބާރާތުގައި ސަޔަމްގެ ހުނަރުވެރި ކުޅުންވަނީ ފެނިގެން ގޮސްފައެވެ.

5- ދާނިޝް

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުން ހިތަދޫ ސްކޫލުން ވިދާލި ދާނިޝްއަކީ ގިނަ ބައެއްގެ ލޯ އަމާޒުވެފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. އަރިމަތިން ފޯވާޑަކަށް ކުޅޭ މި ކުޅުންތެރިޔާއަކީ ބޯޅާއި ރައްޓެހި ހުނަރުވެރި ކުޅުންތެރިއެކެވެ. ދާނިޝްއަށްވެސް ވަނީ ގައުމީ 19 އަހަރުން ދަށުގެ ޓީމުން ޖާގަ ލިބިފައެވެ. ނަމަވެސް ޓީމާއި ގުޅިގެން ދާނިޝްއަށް މާލޭގައި ހުރެން ދަތިވެގެން ވަނީ އެނބުރި ރަށައް ބަދަލުވެފައެވެ.

6- ހަސަން ލައުހު (ހަސަނާ)

ހަސަން ލައުހު ނުވަތަ ހަސަނާ އަކީ މިހާރުވެސް އިރުޝާދިއްޔާ ސްކޫލްގެ ދަރިވަރެކެވެ. އުމުރުން އެންމެ 16 އަހަރުގެ މި ކުޅުންތެރިއާ އަކީ މިވަގުތު އައްޑޫގައު ހުރި އެންމެ ހުނަރުވެރި ޑިފެންޑަރެވެ. ގިނަ ކޯޗުން ބުނާ ގޮތުން އިދިކޮޅު ފޯވާޑްލައިން ހުއްޓުވުމުގެ އެންމެ ގާބިލް ކުޅުންތެރިއަކީ ޒުވާން މި ކުޅުންތެރިޔާއެވެ. ލައުހު ވަނީ މިނިވަން 50 މުބާރާތުގައި ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ނިމިގެން ދިޔަ އިންޓަރ ސްކޫލް މުބާރާތުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމާއި އެކު ކުޅޭ މެޗްގައި އައްޑޫ ޓީމްގެ ޑިފެންސް ބަލަހައްޓަން އިސްކޮށް ހުންނަނީ ޒުވާން ޑިފެންޑަރ ހަސަން ލައުހު (ހަސަނާ)އެވެ.