Last Updated: April 25, 17:12
Thursday, April 25, 2024
ޚަބަރު

ޕީޕީއެމުން ޖަލްސާ ބާއްވާ ގޮތުން ލަދުގަނޭ: މަހްލޫފް

ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ޖަލްސާއެއް ބާއްވާ ގޮތް ފެނުމުން ލަދުގަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހޭ ކުރެއްވި ޓުވީޓެއްގައި ވަނީ ގަދަބާރުން ބިރުދައްކައިގެން ޖަލްސާއަށް ގެންދިޔަ މީހުންވެސް ރައީސް ޔާމީނަށް ވޯޓު ނުދޭނެ ކަމަށް ބުނެ ރައީސް ޔާމީނަށާއި މިސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ރޭ ޕީޕީއެމުން ތައްޔާރުގެ ނަމުގައި ބޭއްވި ބޮޑު ޖަލްސާގައި ބައިވެރިވުމަށް ފެނަކަ މުވައްޒިފުންނަށް އަންގާފައިވާއިރު ފެނަކަ ކޯޕަރޭޝަނުގެ ކޮންމެ މުވައްޒިފަކަށް ވަނީ ގަނޑުކޮޅެއްގެ ދެ ފަރާތުގައި ނަމްބަރެއް ޖެހުމަށްފަހު އެ ގަނޑުކޮޅު ހިފައިގެން އައުމަށް އަންގާފައެވެ.

ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުންވެސް ރޭގެ ޖަލްސާގައި ބައިވެރިވުމަށް މުވައްޒިފުންނަށް އަންގާފައިވާ ކަމުގެ ޚަބަރު ވަނީ ލިބިފައެވެ.

ސޯޝަލް މީޑިޔާގައި ރޭގެ ޖަލްސާއަށް މުވައްޒިފުން އައުމަށް މަޖުބޫރުކުރާ ކަމުގެ ވާހަކަ ދެކެވެމުން ދަނިކޮށް އިދިކޮޅު ސަޕޯޓަރަކު ނެގި ޓުވިޓާ ޕޯލްއެއްގައި ބައިވެރިވި މެމްބަރުން 90 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ޖަލްސާއަށް ދިޔަ ނަމަވެސް ރައީސް ޔާމީނަށް ވޯޓު ނުދޭނެ ކަމަށް ވޯޓުލާފައެވެ.