ސޮނީ ޗެނަލުން ދައްކަމުން އައި ހިންދީ ޑްރާމާ ސީރީސް "ބޭހަދް" އަކީ މިފަހަކަށް އައިސް ޓީވީން ދެއްކި އެންމެ މަޤްބޫލް ޑްރާމާ އެވެ.
އެ ސީރީސް އަށް ވަނީ ފެށުނީއްސުރެ ބެލުންތެރިންގެ ލޯތްބާއި އެއްބާރުލުން ލިބިފައެވެ. މި ޚަބަރު ވެގެންދާނީ "ބޭހަދް" ފޭނުންނަށް ލިބޭ ވަރަށް ބޮޑު ހިތާމައަކަށެވެ. ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި މި ޝޯ ނިމުމަކަށް އަންނާނެއެވެ.
ޝޯގެ ލީޑުން ފެނިގެންދާ ތަރިން ކަމަށްވާ ޖެނިފާ ވިންގެޓް، އަނޭރީ ވަޖަނީ އާއި ކުޝާލް ޓަންޑަން އަށް ވެސް ވަނީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައެވެ.
އެހެންނަމަވެސް މި ޝޯ ނިމުމަކަށް އައިސް، ޝޯގެ އެންމެ ފަހު އެޕިސޯޑްގެ ޝޫޓިން ބުރާސްފަތި ދުވަހު ކްރޫއިން ވަނީ ނިންމާލާފައެވެ.
ޝޯ ނިމޭތީ ކުޝާލް އާއި ޖެނިފާ އަދި އަނޭރީ ވެސް ތިބީ ވަރަށް ދެރަވެފައިކަން އެ ތަރިންގެ މޫނުމަތިން ފެނެއެވެ. އެގޮތުން އަނޭރީ ވަނީ އޭނާގެ ޝުޢޫރުތައް ފާޅުކޮށް އިންސްޓަގްރާމް މެދުވެރިކޮށް ފޮޓޯއެއް ޕޯސްޓް ކޮށްފައެވެ.
އަމީތާބް ބައްޗަންގެ ޝޯ ކަމަށްވާ "ކޯން ބަނޭގާ ކަރޯޑްޕަތީ" އަށް ޖާގަ ދިނުމުގެ ގޮތުން "ބޭހަދް" ނިންމާލަން އުޅުނީ މިދިޔަ އޮގަސްޓް މަހުގައެވެ. އެހެންނަމަވެސް ބެލުންތެރިންގެ އެދުމުގެ މަތިން މި ސީރީސް ވަނީ ކުޑަދުވަސްކޮޅަކަށް ދިގުކޮށްފަ އެވެ.